07 ފެބުރުއަރީ 2021 - 09:59

ކޮވިޑް-19 ޖެހިގެން ދުބާއީގައި ދިވެއްސަކު މަރުވެއްޖެ އެވެ.
އެ ބަލީގައި މަރުވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އަހުމަދު 38، އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ދުބާއީ އަށް ދިޔައީ އަމިއްލަ ދަތުރެއްގަ އެވެ.
އެޗުޑީސީގެ މުނިސިޕަލް ސާވިސަސްގައި މިހާރު މަސައްކަތްކުރާ އިޔާދު އެ ކުންފުންޏާ ގުޅުނީ މާޗު 19، 2017 ގަ އެވެ.
ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު މަރުވެފަ އެވެ. އިބްރާހިމް ހާމިދު، 52، މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެކަމަކު މަރުވި އިރު ކޮވިޑަށް ވެސް ޕޮޒިޓިވް ކަމަށް، މައުލޫމާތު ހުރި، ފަރާތްތަކުން ބުނެ އެވެ.
ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ދުބާއީއަށް ދެ އެވެ. ހާއްސަކޮށް ބޮޑެތި ފަރުވާ ބޭނުންވާ ބަލިތަކަށް ފަަރުވާ ހޯދާށާއި ވިޔަފާރީގެ ދަތުރުތަކުގަ އެވެ. އެކަމަކު ދުބާއީގައި ވެސް މި ދުވަސްވަރު ކޮވިޑް ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.