ވިޔަފާރިކޮށްފައި ފޭކު ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ
ވިޔަފާރިކޮށްފައި ފޭކު ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަނީ

ފިހާރައަކުން ވިޔަފާރިކުރުމަށް ފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދަން ފުލުހުން އިއުލާކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ މާސްކެއް އަޅައިގެން ހުރި މީހަކު ފިހާރައަކަށް ވަދެ، ކައުންޓަރުގައި ހުންނަ މީހާއާ ވާހަކަދައްކާ މަންޒަރެވެ.

ފުލުހުން ބުނީ އޭނާ އެ ފިހާރައިން ވިޔަފާރިކުރުމަށް ފަހު ފޮނުވީ ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ކަމަށެވެ. އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެދުނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހުރި ނަމަ ފުލުހުންނަށް އެންގުމަށެވެ.

އެ މީހާ އޮޅުވާލީ ކޮން ފިހާރައަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮވިޑް-19އާ ގުޅިގެން ވަރަށް ގިނަ ފިހާރަތަކުން ވިޔަފާރި ކުރިއަށް ގެންދަނީ އޮންލައިންކޮށް ފައިސާ ދައްކާ ގޮތަށެވެ. ފިހާރައިގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި، ބޭންކް ސްލިޕްކޮޅު ވައިބާކުރެ އެވެ. ބައެއް ފިހާރަތަކުން ގޭގެ އަށް މުދާ ފޮނުވުމަށް ފަހު ވެސް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ދެ އެވެ. އެކަމަކު ވަގުން ގެންދަނީ އެ ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންނެވެ. އެގޮތުން ކަމާ ނުބެހޭ މީހުންގެ ނަންނަމުގައި ބޭންކް ސްލިޕްކޮޅު ހަދައިގެން ފޮނުވުން ފަދަ ބޮޑެތި އޮޅުވާލުންތައް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.