09 ފެބުރުއަރީ 2021 - 00:10

އުމުރުން 50 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި އުޅޭ 50-55 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ފްލޫ ކްލިނިކުގައި ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ. ވިލިމާލެ ޔޫތު ސެންޓަރުގައި ވެކްސިން ދިނުން އޮންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތަށް، 55 އަހަރުން މަތީގެ ހުރިހާ މީހުންނަން ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖަހައިދޭނެ އެވެ. ވެކްސިން ޖަހަން ދާއިރު އެއީ ކާކުކަން އަންގައިދޭ ލިޔުމަކާއި ބޭނުންކުރާ ބޭހުގެ މައުލޫމާތު ގެންދަން ވާނެ އެވެ. އަދި ވެކްސިން ޖަހަން ފަސޭހައިން ކޮނޑު ދެއްކޭނެ ފަދަ ހެދުމެއް ލާން އެޗްޕީއޭ އިން އެދެ އެވެ.
- ހަކުރު ބަލި ހުންނަ މީހުން
- ކިޑްނީ ބަލީގެ މީހުން
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހުގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެެއް ތަހައްމަލުކުރާ މީހުން
- އިސްކޮޅާ އަޅާކިޔާއިރު ބަރުދަން އިތުރު މީހުން (ބީއެމްއައި 40 އަށް ވުރެ މަތި މީހުން)
- ތެލަސީމިއާ/ސިކްލް ސެލް އެނީމިއާ ހުންނަ މީހުން
ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. މިހާތަނަށް 12،934 މީހުންނަށް ވެކްސިން ދީފައި ވެ އެވެ. މިހާތަނަށް އެންމެ ގިނަ ވެކްސިން ޖަހާފައި ވަނީ، 3،190 ވެކްސިންއާ އެކު، މިއަދު އެވެ.