މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 192އަށް
މިއަދު ކޮވިޑު ޖެހުނު މީހުންގެ އަދަދު 192އަށް

މިއަދު ކޮވިޑް-19 ޖެހުނު މީހުންގެ 192އަށް އަރައިފި އެވެ. މިއީ މި ފަހަކަށް ބަލާއިރު ނިސްބަތުން ގިނަ އަދަދެއް ނަމަވެސް، އެންމެ ގިނަ އަދަދަކަށް ސާމްޕަލް ޓެސްޓު ކުރީ ވެސް މިއަދެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ އާއްމު ކުރި މައުލޫމާތަށް ބަލާއިރު، 4،716 މީހުން މިއަދު ވަނީ ޓެސްޓު ހަދައިފަ އެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 154 މީހުން ޕޮޒިޓިވްވި އިރު މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކު އަދި ރިސޯޓުތަކުން 27 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

އެޗްޕީއޭން ބުނިގޮތުގައި ހޮސްޕިޓަލްތަކުގައި މި ވަގުތު 204 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ ހަމަ މި ދެ ދުވަހު ވެސް މީހުން ތިބި އަދަދެވެ. ބަލި މީހުންގެ ގޮތުގައި 2،216 މީހުން މިހާރު އެބަތިއްބެވެ. އަދި ބަލީގައި 56 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ނުރައްކާ އަނެއްކާ ބޮޑުވެފައިވާއިރު، ރަށްރަށުން އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އައްޑޫގައި ބަލި ފެތުރި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ޏ. ފުވައްމުލަކުން ބަލި ވަނީ ފެނިފަ އެވެ. އަދި ގދ. ތިނަދޫގައި ވެސް ހަތަރު މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.