10 ފެބުރުއަރީ 2021 - 19:17

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ ކަމަށް ޕީޕީއެމްގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަށް ކޮވިޑް-19 ޖެހިފައި ވަނީ ސްރީ ލަންކާގައި ދިރިއުޅެމުން ގެންދަވަނިކޮށެވެ. އަދި ކޮވިޑް-19 ޖެހިގެން މި ވަގުތު ލަންކާ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ޕީޕީއެމްގެ އިސް މެންބަރަކު "މިހާރު"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޔާމީންގެ މަންމާފުޅުގެ އުމުރަކީ 83 އަހަރެވެ. އޭނާ ސްރީ ލަންކާގައި ދިރިއުޅެމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު މި ވަގުތު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެމަނިކުފާނަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ވެސް ނިމުނީ ޔާމީނާ ދެކޮޅަށެވެ.
ކޮވިޑް-19 ގައި އުމުރުން ދުވަސްވީ މީހުންނަކީ ހައި ރިސްކް މީހުންގެ ގޮތުގައި ބަލާއިރު، ސްރީ ލަންކާ އަދި ރާއްޖޭގައި ވެސް ކޮވިޑް-19 ގެ ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.