11 ފެބުރުއަރީ 2021 - 11:44

ޕެރިސް (ފެބްރުއަރީ 11) - ޔޫރަޕުގެ އުމުރުން އެންމެ ދުވަސްވީ މީހާ އަށް ކޮވިޑް ޖެހި ރަނގަޅުވެއްޖެ އެވެ.
ފްރާންސްގެ ފައްޅިއެއްގެ އިސް މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރި ލޫސިލް ރެންޑަން އަށް ކޮވިޑް ޖެހިފައި ވަނީ ޖެނުއަރީ 16 ގަ އެވެ. ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ނުފެނެ އެވެ. ފްރާންސްގެ ބައެއް މީޑިއާތަކަށް އޭނާ ބުނި ގޮތުގައި ކޮވިޑް ޖެހުނުހެން ހީވެސް ނުވެ އެވެ.
ރެންޑަން ކޮވިޑުން ރަނގަޅުވި އިރު މިއަދަކީ އޭނާގެ 117 ވަނަ އުފަން ދުވަހެވެ.
ކޮވިޑް ޖެހުމާ އެކު ރެންޑަން ވަނީ ފްރާންސްގެ ދެކުނުގައި އޭނާ ދިރިއުޅޭ ރިޓަޔާމަންޓް ހޯމުގައި އުޅޭ އެހެން މީހުންނާ އެކަހެރިކޮށްފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ މުޅިން ރަނގަޅުވެފަ އެވެ.
ލޮލަށް ނުފެންނަ އަދި ފުރޮޅުލީ ގޮނޑީގައި އިންނަ ރެންޑަންގެ އުފަން ދުވަސް މިއަދު ފާހަގަ ކުރަން ހަމަޖެހިފައި ވަނީ މަދު ބަޔަކާ އެކު އެވެ.
ރިޓަޔާމަންޓް ހޯމުގެ ތަރުޖަމާނަކު ބުނީ ކޮވިޑް ޖެހުނު ނަމަވެސް ރެންޑަން ކަންބޮޑު ނުވާ ކަމަށެވެ. އެކަމަކު އޭނާ ކަންބޮޑުވީ އެހެން މީހުންނާ މެދު ކަމަށް ބުންޏެވެ.
ކޮވިޑް ޖެހުމުން ބިރުގަންނަންތޯ ފްރާންސްގެ ބީއެފްއެމް ޓީވީން ސުވާލު ކުރުމުން ރެންޑަން ބުނެފައި ވަނީ އޭނާ ބިރު ނުގަންނަ ކަމަށެވެ. ސަބަބަކީ މަރުވާން ބިރު ނުގަންނާތީ ކަމަށް ބުންޏެވެ.
ރެންޑަން އުފަންވެފައި ވަނީ ފެބްރުއަރީ 11، 1904 ގަ އެވެ. ޔޫރަޕުގެ އެންމެ ދުވަސްވީ މީހާގެ އިތުރުން އޭނާ އަކީ މުޅި ދުނިޔޭގައި ވެސް މި ވަގުތު ހުރި ދެވަނަ އަށް އެންމެ ގިނަ ދުވަސްވީ މީހާ އެވެ.