ފާރު ދަށުވި ކުއްޖާގެ ފައި ބުރިކޮށްލައިފި
ފާރު ދަށުވި ކުއްޖާގެ ފައި ބުރިކޮށްލައިފި

ގައިމައްޗަށް ފާރެއް ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު ކުއްޖާގެ ފައި އިއްޔެ ބުރިކޮށްލައިފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ގދ. ލޮނަދޫހުއްޓާ އަށް ރައްޓެހިންތަކަކާ އެކު ދަތުރު ގޮސް އުޅެނިކޮށް ފާރެއްގެ ދަށުވެ އެ އަތޮޅު ގައްދޫ، ނޫތަރި، މުހައްމަދު ފިރުޝާނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެ އެވެ. އޭނާގެ ހާލު ސީރިއަސްވުމުން ތިނަދޫން ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސް ފަރުވާ ދޭން ފަށައިފަ އެވެ.

އެ އާއިލާއިން ވާހަކަ ދެއްކި، ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ މިރޭ ވިދާޅުވީ ފިރުޝާންގެ ކަނާތު ފައި ވަރަށް ބޮޑަށް ކުނިވެފައިވާތީ އިއްޔެ މެންދުރު އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. ޑޮކްޓަރުން ފުރަތަމަ ބޭނުންވީ ހަލާކުވި ފައިން މަސް ނަގައިގެން އޮޕަރޭޝަން ކުރަން ކަމަށް ވިޔަސް ފުރާނަ ސަލާމަތް ކުރެވޭނީ ފައި ބުރިކޮށްލައިގެން ކަމަށް ބުނުމުން އެ ގޮތަށް ކުރިއަށް ގެންދިޔައީ ކަމަށް ވިދާޅުވި އެވެ.

އޮޕަރޭޝަނަށް ފަހު ފިރުޝާން މި ވަގުތު އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ. ހާލަތާ މެދު ވަކި އެއްޗެއް އެނގޭނީ 48 ގަޑިއިރު ފަހުން ކަމަށް ހޮސްޕިޓަލާ ހަވާލަދީ އާއިލާ އިން ބުންޏެވެ.

"ޑޮކްޓަން ބުނީ ފައި ބުރިނުކޮށްފިއްޔާ ފުރާނަ އަށް ގެއްލުންވާނެއޭ. އޮތީ އެއް ޗޮއިސްއޭ، އެއީ ފައި ބުރިކޮށްލުމޭ. ކަނާތު ފައި ވަރަށް ބޮޑަށް ކުނިވެފައި ހުރީ،" އާމިރު ވިދާޅުވި އެވެ.

އަށެއްކަ ރައްޓެހިންނާއެކު ފިރުޝާން ދަތުރުދިޔަ ލޮނަދޫހުއްޓާއަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ފެށި ރަށެކެވެ. ވަކި ހިސާބަކުން މަސައްކަތް ހުއްޓާލިއިރު ގިނަ އިމާރާތްތަކެއް ހުރީ ހަދައިފަ އެވެ.

ފިރުޝާން، ފާރު ދަށުވީ އެތާނގެ ކައިރީގައި ސަކަރާތް ޖެހުމުގެ ތެރޭގަ އެވެ.

އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާގެ ގޮތުން، އުމުރުން 17 އަހަރުގެ ފިރުޝާން ދިޔައީ މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީން މަންމަ އާއި ދައްތަ އަދި ކޮއްކޮމެންގެ ހަރަދުތައް ބަލަހައްޓަމުންނެވެ.