ޕްރޮޖެކްޓްތައް ދިނުމުގައި އެ ސަރަހައްދެއްގެ ވިޔަފާރިވެެރިންނަށް އިސްކަންދެނީ
ޕްރޮޖެކްޓްތައް ދިނުމުގައި އެ ސަރަހައްދެއްގެ ވިޔަފާރިވެެރިންނަށް އިސްކަންދެނީ

ދައުލަތުގެ އޮފީސްތަކުގެ ބީލަންތަކުގައި އެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ނިސްބަތްވާ ވިޔަފާރިތަކަށް އިސްކަން ދޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފި އެވެ.

މިއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ރާއްޖޭގެ އިގްތިސާދުގައި ފުޅާ ކުރުމުގެ މަގުސަދުގައި އެކުލަވައިލި އުސޫލެކެވެ. މި އުސޫލުގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހި ކޮށްދޭނެ އެވެ.

މީގެ އިތުރުން މި އުސޫލުގެ ދަށުން ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގަ އާއި މަސައްކަތް ކުރުވާއިރު ހާމަ ކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ދިވެހިންނަށް އިސްކަން ދެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ އިދާރާތަކުން ކުރިޔަށް ގެންދާ ފަސް މިލިއަން ރުފިޔާއަށް ވުރެ ކުދި ބީލަންތައް ހުޅުވާލަން ވާނީ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ. އަދި ދައުލަތުގެ އިދާރާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓުގެ އަންދާޒާ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ އެ ޕްރޮކިއުމަންޓެއް ހުޅުވާލާނީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަންޏެވެ.

ނަމަވެސް، ފުރަތަމަ ފަހަރަށް ހުޅުވާލާއިރު އެފަދަ ފަރާތަކުން ކުރިމަތި ނުލާނަމަ، ނުވަތަ ޝަރުތު ފުރިހަމަވާ ފަރާތެއް ނެތްނަމަ މި ފަންތިއަށް ނުފެތޭ ދިވެހި ވިޔަފާރިތަކަށް ކުރިމަތިލެވޭ ގޮތަށް އަލުން އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އުސޫލުގެ ދަށުން ރަށަކަށް ނިސްބަތްވާ ފަރާތެއް މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކަމުގައިވާ ނަމަ، އެ ރަށަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރާ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސް އާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތަށް ލިބުނު މާކްސްގެ ފަރަގު 10 ޕަސެންޓަށް އަށްވުރެ ބޮޑު ނުވާ ނަމަ އެ ރަށަކަށް ނިސްބަތްވާ ފަރާތަށް މަސައްކަތް ހަވާލުކުރާނެ އެވެ. އަދި އެ އަތޮޅަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރާ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސް އާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތަށް ލިބުނު މާކްސްގެ ފަރަގު ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާ ނަމަ އެ އަތޮޅަކަށް ނިސްބަތްވާ ފަރާތަކަށް މަސައްކަތް ހަވާލު ކުރާނެ އެވެ.