ކޮވިޑް ކޭސްތައް ވަނީ އިތުރު، މިއަދު 209 ކޭސް
ކޮވިޑް ކޭސްތައް ވަނީ އިތުރު، މިއަދު 209 ކޭސް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން އިތުރު 209 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަަވީރު 6:00 އާ ހަަމައަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 108 މީހުންނަކީ މާލެ ނޫން އެހެން ތަންތަނުގައި ތިބި މީހުންނެވެ. އެއީ ސިނާއީ ރަށް ތިލަފުށިން 73 މީހުންނާއި މީހުން އުޅޭ ރަށްތަކުން 15 މީހުން، ސަފާރީތަކުން 14 މީހުން އަދި ރިސޯޓްތަކުން ހަމީހުންނެވެ. މިއަދަދަށް ޕޮޒިޓިވް ކޭސްތައް ފެނުނީ 4،006 ސާމްޕަލް ޓެސްޓްކޮށްގެންނެވެ.

މިއަދުގެ ކޭސްތަކާ އެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،360 އެވެ. އޭގެ ތެރެއިން 190 މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފަ އެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 17،716 އެވެ. އޭގެ ތެރެއިން 58 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދާއިރު އެ ބަލިން ދިފާއުވުމަށް ދޭ ވެކްސިން ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަދު އެކަނި ވެސް 5،717 މީހަކަށް ކޮވިޑްގެ ވެކްސިން ދިނެވެ. އޭގެ ތެރެއިން 27،00 އަށް ވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.