އުރީދު އަށް މޮބައިލް ޕޭމަންޓްގެ ލައިސަންސް ދީފި
އުރީދު އަށް މޮބައިލް ޕޭމަންޓްގެ ލައިސަންސް ދީފި

ރާއްޖޭގައި މޮބައިލް ޕޭމަންޓްގެ ހިދުމަތް ދިނުމަށް އުރީދޫ އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޮބައިލް ޕޭމަންޓް ސާވިސް ލައިސަންސް މިއަދު ދީފި އެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ގައުމީ ޕޭމަންޓް ސިސްޓަމް ހަރުދަނާ ގޮތެއްގައި ތަރައްގީކޮށް ބޭންކިންގެ ހިދުމަތް ފަސޭހަ އިން ލިބެން ނެތް ފަރާތްތަކަށް ވެސް ރައްކާތެރި އަދި ހަލުއި ނިޒާމެއްގެ ދަށުން ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމްތައް ހަމަޖެެއްސުމަކީ އެ އޮތޯރިޓީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއަކީ މޮބައިލް ފޯނުގެ ނެޓްވޯކް ފުޅާވެފައިވާ ގައުމަކަށްވާތީ، މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުމާއި ފޮނުވޭނެ ހިދުމަތް ދޭން ފެށުމަކީ އާއްމުންނަށް ފަސޭހަތަކެއް ވެގެންދާނެ އަދި މިފަދަ ޕޭމަންޓްގެ ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ވެސް އުފެދިގެންދާނެ ކަމެއް ކަމަށް މި އޮތޯރިޓީން ގަބޫލުކުރަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި މޮބައިލް ފޯނު މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކުގެ ސިސްޓަމްތައް ގުޅުވާލެވިގެން މި ހިދުމަތް ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށް. މިހެންކަމުން، ކުރިޔަށް އޮތްތާނގައި އެހެން ފަރާތްތަކުން މި ހިދުމަތް ދޭން ފަށައިފި ނަމަ ދެ ފަރާތުގެ ކަސްޓަމަރުންގެ މެދުގައި ވެސް މޮބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރެވޭނެ،" އެމްއެމްއޭ އިން ބުންޏެވެ.