ކަލާޒް އަށް "އުޅާރިޔާން"
ކަލާޒް އަށް "އުޅާރިޔާން"

ކަލާޒް ޗެނެލުން "އުޅާރިޔާން" ކިޔާ އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ތިން ޕްރޮމޯއެއް ދައްކަމުން އަންނަ މި ސިލްސިލާގައި، ޕައިލެޓަކަށް ވާން ހުވަފެން ދެކޭ އަންހެން ކުއްޖެއްގެ އިތުރުން އަދި ވަރަށް ކާމިޔާބު ބަޔަކަށް ވާން އުންމީދުކުރާ ހަތަރު މީހެއްގެ ވާހަކަ ކިޔައިދޭނެ އެވެ.

ޕާންޖާބީ އާދަކާދަ ދައްކާ "އުޅާރިޔާން" ގެ ލީޑް ކާސްޓުންނަކީ މީގެ ކުރިން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ޕަންޖާބީ ބަތަލާ ސަރްގުން މެހެތާ އާއި އަންކިތު ގުޕްތާ އާއި ޕްރިޔަންކާ ޗައުދަރީގެ އިތުރުން އައިޝާ މަލްވިއާ އެވެ.

ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކަލާޒް އިން އެންމެ ފަހުން އަލަށް ފެށީ މި މަހުގެ 7 ގައި ދައްކަން ފެށި "ނާގިން 5" ގެ ސްޕިންއޮފް "ކުޗް ތޯ ހޭ" އެވެ.

މި މަހުގެ 22 ގައި ވެސް އެ ޗެނެލުން އާ ސިލްސިލާއެއް ފަށާނެ އެވެ. އެއީ ރާއްޖެ ގަޑިން 10:00 ގައި ފަށާ "ބަވްރާ ދިލް" އެވެ. އޭގެ ލީޑް ތަރިންނަކީ އަދިތިޔާ ރެޑިޖް އާއި ކިންޖަލް ދަމޭޗާ އެވެ.

ކަލާޒް އިން މި ފަހުން އަލަށް ފެށި ސިލްސިލާތަކަކީ "މޮލްކީ" އާއި "ނަމަކް އިސް ކާ" އާއި "ޕިންޖްރާ: ޚޫބްސޫރުތީ ކާ" ގެ އިތުރުން "އިޝްގް މޭ މަރްޖާވާ 2" އެވެ.

ސިލްސިލާތަކެއް ގެނެސްދެމުން އަންނަ އިރު މި މަހުގެ 26 ގައި ކަލާޒް އިން "ޑާންސް ދިވާނޭ" ގެ ސީޒަން ތިނެއް ވެސް ފަށާނެ އެވެ.