ޑރ. ފައުޗީގެ ނަމުން މިހާރު އާ ބަހެއް
ޑރ. ފައުޗީގެ ނަމުން މިހާރު އާ ބަހެއް

ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އެމެރިކާގައި އެ މީހެއްގެ ވާހަކަ އެންމެ ބޮޑަށް ދެކެވެމުން އަންނަ އެކަކީ ޑރ. އެންތަނީ ފައުޗީގެ ވާހަކަ އެވެ. އޭނާ އަކީ އެ ބައްޔަށް ހޭލުންތެރިކުރުވުމާމާއި ބައްޔާ ގުޅޭ ގޮތުން ލަފަ އާއި އިރުޝާދު ދެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެކެކެވެ. އުމުރުން 87 އަހަރުގެ ފައުޗީ އަކީ އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރެވެ.

އެ މަގާމުން ހައިސިއްޔަތުން އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތާ އެކީ ފައުޗީ އަކީ މިހާރު މުޅި ދުނިޔެ ދަންނަ މަޝްހޫރު މީހެކެވެ. ކޮވިޑްގެ ބަލިމަޑުކަމާ އެކު އެކު އޭނާގެ ނަން ވަކިން މަޝްހޫރެވެ. އެ ނަން މަޝްހޫރުވި މިންވަރަކީ މިހާރު ފައުޗީގެ ނަމުން އާ ބަހެއް ވެސް އުފެދި އެ ބަސް ޒަމާނީ ޑިކްޝަނަރީއާ ހަމައަށް ވެސް ދިއުމުގެ މަގުމަތީގައި އޮތުމެވެ. އެ ބަހަކީ "ފައުޗިން" އެވެ. އެ ލަފުޒު އެންމެ ފުރަތަމަ ފެންމަތީ ކުރީ ޑޭޓިން ސައިޓް، ޕްލެންޓީ އޮފް ފިޝް އިންނެވެ. އެތަނުން "ފައުޗިން" ގެ މާނަ ގެނެސްދެނީ މިހެންނެވެ؛ ކޮވިޑް ބައްޔާ ދޭތެރޭ ސީރިއަސްކޮށް ނުވިސްނާ މީހަކާ ޑޭޓްކުރަން ދެކޮޅު ހެދުމެވެ.

އެހެންވެ ސޯޝަލް ޑިސްޓެންސިން ފަދަ ކަންކަމަށް އިޖާބަދޭން ދެކޮޅު ހަދާ މީހަކާ ޑޭޓްކުރަން ލިބޭ ފުރުސަތު ދޫކޮށްލާ ނަމަ އެއީ "ފައުޗިން" އޭ ބުނެވިދާނެ އެވެ.

މި ބަހާ ބެހޭ ގޮތުން ފައުޗީ ވިދާޅުވަނީ ކީކޭ ބާވަ އެވެ؟ އެޗްބީއޯ މެކްސްގެ ޝޯ "އެޒިއޯސް" ގައި މެހުމާނެއްގެ ގޮތުގައި މި ހަފުތާއި އޭނާ ބައިވެރިވަޑައިގަތް އިރު "ފައުޗިން" ގެ ވާހަކަ އަޑު އައްސަވާފައިވޭތޯ ހޯސްޓް ފައުޗީއާ ސުވާލުކުރައްވަ އެވެ.

ޖަވާބުގައި ފައުޗީ ވިދާޅުވީ އެ ބަސް އަޑުނާއްސަވާ ކަމަށާއި އޭގެ މާނަ އަކީ ކޮބައިތޯ އެވެ؟ އެ ހިސާބުން ހޯސްޓް އޭގެ މާނަ ކިޔައިދެ އެވެ. އެއާ އެކު ފައުޗީގެ ވަރަށް ގަދައަށް ހިނިފުޅުވަޑުއްވަ އެވެ. އަދި "އައި އެމް ގޮނާ ފައުޗީ ޔޫ" އޭ ވިދާޅުވެ އެވެ.

އެއާ ވިއްދައިގެން ވަރަށް ސީރިއަސްކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް ކަހަލަ ފަސޭހައިން ފެތުރޭ ގައިންގަޔަށް އަރާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ އިރު ޑޭޓްކުރުމަކީ ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް މީސްހުންނާ އެކަހަރިވެގެން އުޅެން ޖެހޭ ހާލަތެއް އައިސްފައި އޮތުމުން އެއީ ވަރަށް ބޮޑަށް ވެސް ވިސްނަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ވަރަށް ހިތްދަތި ވެސް ކަމެއް.،" މާސްްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައިން އަތް ދޮމްނަން ފާއިތުވު އަހަރެއްހާ ދުވަހު އެންމެ ގިނައިން އިރުޝާދު ދެއްވި ފައުޗީ ވިދާޅުވި އެވެ. "މި ބައްޔާ ހެދި ސޯޝަލް ޑިސްޓެންސިން އަށް ވަރަށް ބޮޑަށް ތަބާވާން ޖެހޭތީ ވަރަށް ގިނަ ބަޔަކަށް އެބަހުރި ނަފުސާނީ މައްސަަލަކާ ވެސް ކުރިމަތިލާން ޖެހިފައި. އެގޮތުން ޑިޕްރެޝަނާއި ސްޓްރެސް އަކީ މީގެ ސަބަބުން ނުކުން ވަރަށް ނޭދެވޭ ކަންތައްތަކެއް."

ކޮންމެއަކަސް ފައުޗީގެ ނަމާ ގުޅުވައިގެން އުފަންވި ބަސް "ފައުޗިން" ގެ ވާހަކަ މިހާރު ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް އަންނަނީ ދެކެވެމުންނެވެ. ފައުޗީއާ އިންޓަވިއުކުރި މާގްރެޓް ޓަލޭވަށް ވެސް މިހާރު މިކަމާ ހެދި މިހާރު ވަނީ އެހެން މީޑިއާތަކަށް އިންޓަވިއުދޭން ޖެހިފަ އެވެ.

"އަހަންނަށް ހީވަނީ ފައުޗީ ވަރަށް ގަޔާވެވަޑައިގެންނެވި ލަފުޒެއްހެން އެއީ." އޭނާ ސީއެންއެން އަށް ބުންޏެވެ.