އީރާނުގެ ނިއުކްލިއާ މަޝްވަރާތަކަށް އެމެރިކާ އެއްބަސްވެއްޖެ
އީރާނުގެ ނިއުކްލިއާ މަޝްވަރާތަކަށް އެމެރިކާ އެއްބަސްވެއްޖެ

ވޮޝިންޓަން (ފެބްރުއަރީ 19) - އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ސޮއިކުރި ނިއުކްލިއާ އެއްބަސްވުން މުރާޖައާ ކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވާން އެމެރިކާ އިން އެއްބަސްވެއްޖެ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާ އިސްވެ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމުރަށް އެމެރިކާ އިން ވަނީ 2018 ވަނަ އަހަރު އެ އެއްބަސްވުމުން ވަކިވެފަ އެވެ. އަދި އެމެރިކާ އިން ވަނީ އީރާނަށް އިތުރަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އީރާނުން ވެސް ވަނީ އެއްބަސްވުމުގެ މާއްދާތަކަށް އަމަލު ކުރުން ހުއްޓާލައިފަ އެވެ.

ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެވަޑައިގަތުމަށް ފަހު އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި އަލުން ބައިވެރިވާން ބޭނުންކަން ހާމަކޮށްފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާން ޔޫރަޕިއަން ޔޫނިއަން އިން ދިން ދައުވަތު އެމެރިކާ އިން ގަބޫލްކޮށްފައިވާ ކަމަށެވެ. އެމެރިކާ އަށް ދިން ދައުވަތާ ގުޅޭ ގޮތުން އީޔޫގެ ސީނިއާ ޑިޕްލޮމެޓް އެންރީކޭ މޯރާ ވިދާޅުވީ މިއީ ނިއުކްލިއާ މަޝްވަރާތަކުގެ "ނާޒުކް ވަގުތެއް" ކަމަށެވެ.

މަޝްވަރާތައް އަލުން ފެށުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމަށް އީރާނުން އަދި ރަސްމީކޮށް ޖަވާބުދީފައެއް ނުވެ އެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީރާނުން ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރާނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ.

ނިއުކްލިއާ އެއްބަސްވުމުގައި އީރާނާ އެކު ސޮއިކޮށްފައި ވަނީ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ، ރަޝިޔާ އަދި ޖަރުމަނެވެ.