ރާއްޖެ އަށް ފަސް ދާއިރާއަކުން އިންޑިއާއިން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
ރާއްޖެ އަށް ފަސް ދާއިރާއަކުން އިންޑިއާއިން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ރާއްޖެއަށް ފަސް ދާއިރާއަކުން އިންޑިއާ އިން އެހީދިނުމުގެ އެއްބަސްވުންތަކުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ އަށް ފަސް ދާއިރާއަކުން އިންޑިއާއިން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
ރާއްޖެ އަށް ފަސް ދާއިރާއަކުން އިންޑިއާއިން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބަރްމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރީ ނ. ކެނދިކުޅުދޫގައި ގޭދޮށު މަސްޕްލާންޓް އެޅުމާއި ބްރޯޑްކާސްޓިން ދާއިރާ ކުރިއެރުވުމާއި ޑޮލަރު ކްރެޑިޓް ލައިން އެގްރިމެންޓާއި ސަސްޓެއިނަބްލް އާބަން ޑިވެލޮޕްމަންޓް އެއްބަސްވުމުގަ އެވެ. މީގެ އިތުރުން 2،000 ހައުސިން ޔުނިޓް އެޅުމާ ގުޅޭ މަސައްކަތްތަކެއް ކުރަން އެގްޒިމް ބޭންކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ކޮވިޝީލްޑުގެ އިތުރު 100،000 ޑޯޒް ހަދިޔާކުރި ކަން ވެސް މިއަދު އިއުލާންކުރި އެވެ. ރާއްޖޭގައި މިހާރު ދީ ނިމުމަކާ ގާތްވެފައިވާ 100،000 ޑޯޒު ވެސް ހަދިޔާކުރީ އިންޑިއާ އިންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުން ހިންގަން ހަމަޖައްސާފައިވާ ގިނަ ޕްރޮޖެކްޓުތަކެއް މިހާރު އޮތީ ޓެންޑަރިން ސްޓޭޖުގެ ފަހު މަރުހަލާގައި ކަމަށެވެ. އައްޑޫގެ މަގުތައް ހަދައި ފެން ހިންދުމުގެ މަސައްކަތް ކުރުމަށް މާދަމާ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވި އެވެ. އިތުރު މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އެކު މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ފައިދާ އެތައް ގޮތަކުން ރާއްޖެއަށް ކުރާނެ އެވެ.