ނަދީމްގެ މަރު: ހެކިން ހާޒިރު ނުކުރެވޭތީ އަޑުއެހުން ކެންސަލް
ނަދީމްގެ މަރު: ހެކިން ހާޒިރު ނުކުރެވޭތީ އަޑުއެހުން ކެންސަލް

ޓާމިނަލް ކެެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް އަބްދުއްރަހީމްގެ މަރާލި މައްސަލާގައި ދައުލަތުގެ ހެކިން މިއަދު ވެސް ހާޒިރު ނުކުރެވޭތީ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ޖުލައި، 2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ނަދީމަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ ދައުލަތުން އެ މައްސަލާގައި ހުށަހެޅި ސިއްރު ހެކިންގެ ހެކިބަސް ނަގަން ތާވަލްކުރި އަޑުއެހުމެކެވެ. އެކަމަކު ހެކިން ހާޒިރު ނުކުރެވޭތީ އަންނަ ބުދަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާ ބޭއްވި އަޑުއެހުން ވެސް ކެންސަލްކުރީ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

ނަދީމް މަރުވީ އޭނާއަށް ދިން ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.