24 ފެބުރުއަރީ 2021 - 09:56

ވެކްސިން ޖަހަން 25 އަހަރުން މަތީގެ މީހުންނަށް މިއަދު ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގެ ސެންޓަރުތަކުން 25 އަހަރުން މައްޗާއި ބަލިއެނދުގައި ތިބޭ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ. އޭގެ އިތުރުން 18-25 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސްކުރާ މީހުންނަށް ވެކްސިން ޖަހައިދޭނެ އެވެ.
ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ހެނދުނު 9:00 އިން ހަވީރު 4:30 އަށް، ވިލިމާލެ ޒުވާނުންގެ މަރުކަޒުން ހެނދުނު 9:00 ން މެންދުރު 1:00 އަށް އަދި ރައްޔިތުންގެ މަޖިލީހުން ހެނދުނު 9:00 އިން 12:00 އަށް ވެކްސިން ޖަހައިދޭނެ އެވެ. މަޖިލީހުގައި ވެކްސިން ޖަހައިދެނީ 40 އަހަރުން މަތީގެ މީހުންނަށެވެ.
ރެއާ ހަމައަށް މުޅި ޖުމްލަ 85،110 މީހުންނަށް ވެކްސިން ދީފައި ވެ އެވެ. މާލެ ސަރަހައްދުން 61،777 މީހަކަށް އަދި ރަށްރަށުން 23،333 މީހަކަށް މިހާތަނަށް ވެކްސިން ދީފައި ވެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައިވަނީ ވެކްސިން ޖެހުމަށް މާލެ ސަރަހައްދުން ތަރުހީބު ކުޑަވެފައިވާ ކަމަށެވެ. އެތަނުން އެދެމުން އަންނަނީ ބަލިން ސަލާމަތްވުމަށް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ.