24 ފެބުރުއަރީ 2021 - 13:44

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 24) - ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް، މިއަންމާގެ 1،086 މީހަކު މެލޭޝިއާ އިން ޑިޕޯޓްކޮށްލައިފި އެވެ.
ކޯޓުގެ އެންގުމެއްގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ އެ މީހުން އަނބުރާ ފޮނުވާނުލުމަށް މެލޭޝިއާ ސަރުކާރުގައި އެދިފަ އެވެ. ޑިޕޯޓްކޮށްލި މީހުންގެ ތެރޭގައި މިއަންމާގައި އަޣުލަބިއްޔަތު ނެތް ދަރިކޮޅުތަކުގެ މީހުން ވެސް ހިމެނެ އެވެ. ބަޣާވާތެއްގެ ތެރޭގައި މިއަންމާ ވަނިކޮށް އެ މީހުން އަނބުރާ ފޮނުވާލައިފި ނަމަ ދެން ތަހައްމަލު ކުރަން ޖެހޭ އުނދަގޫތައް މާބޮޑުވާނެ ކަމަށް ވެސް ބައެއް ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.
އެކަމަކު މެލޭޝިއާ އިން ބުނެފައި ވަނީ ޑިޕޯޓްކޮށްލަނީ އިމިގްރޭޝަން ގާނޫނާ ޚިލާފު އެތައް ކުށްތަކެއް ކޮށްފައިވާ މީހުން ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކުން އެސައިލަމް ހޯދަން މަސައްކަތް ކުރާ ބައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ކުއާލަ ލަމްޕޫރުގެ ހައި ކޯޓުން އަންގާރަ ދުވަހު ވަނީ މިއަންމާގެ ރައްޔިތުން ޑިޕޯޓްކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް ވެސް ނެރެފަ އެވެ.
މެލޭޝިއާގެ ޑިރެކްޓަރު-ޖެނެރަލް އޮފް އިމިގްރޭޝަން ޚައިރުލް ޒައިމީ ދާއޫދު ވިދާޅުވީ އަނބުރާ ފޮނުވާލި މީހުންގެ ތެރޭގައި ރޮހިންޖާ މުސްލިމުން ނުހިމެނޭނެ ކަމަށެވެ. އަދި ޑިޕޯޓްކުރި މީހުންގެ ތެރޭގައި އދ.ގެ ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރް) ގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީހަކު ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޔޫއެންއެޗްސީއާރް އިން ބުނެފައި ވަނީ އެ ފަރާތުގައި ރަޖިސްޓްރީކޮށްފައިވާ ހަ މީހަކު، ޑިޕޯޓްކުރި ލިސްޓުގައި ހިމެނޭ ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު ފިލް ރޮބަޓްސަން ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި މިއަންމާ ދޫކޮށްދިޔަ މީހުން އަލުން އަނބުރާ އެ ގައުމުގެ ސިފައިންގެ މައްޗަށް ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
މިއަންމާ ސިފައިން ބަޣާވާތް ކުރުމަށް ފަހު މަދަނީ ސަރުކާރު ވައްޓާލާފައި ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވަނީ އެއް އަހަރު ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.