01 މާޗް 2021 - 13:17

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމަށް ހަމަލާދިނީ ކޮން ބައެއް ކަން ނޭނގޭ ކަމަށް ތިިން މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ޖުލައި، 2017 ގައި "ޓާމިނަލް ކެފޭ" ތެރޭގައި ނަދީމަށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ މުހައްމަދު ފަވާޒް ހުސެއިން ސަލީމް، ގ. ޝާރާޒް އާއި އަލީ ނިފާޒް، ވިދާތަރި، ލ. ގަން އާއި ހުސެއިން ޝާމީން، ސަމަންތާ، ރ. އިންނަމާދޫ އަދި މުހައްމަދު ކަރަމް ސުހައިލް، ހަވާސް، ގއ. ގެމަނަފުއްޓެވެ.
ކްރިިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިއްރުން ހެކިބަސް ދެމުން ފުރަތަމަ ހެކިވެރިޔާ ބުނީ ކެފޭއެއްގެ ތެރެއިން ބަޔަކު ދުވެފައި ދިޔަތަން ފެނުނު ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަމާއި ކޮން ކެފޭއެއް ކަން ވެސް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އެ ހާދިސާ ހިނގި ތާރީޚެއް ނުވަތަ އަހަރެއް ވެސް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް، ހެކިބަސްދިނެވެ.
ދައުވާ ލިބޭ ހަތަރު މީހުން ދެއްކުމަށް ފަހު، އެއިން މީހަކު އެ ކެފޭ ތެރެއިން ފެނުނުތޯ ސުވާލު ކުރުމުން ވެސް އޭނާ ބުނީ ހަނދާނެއް ނެތް ކަމަށެވެ.
އޭނާ ތަހުގީގަށް ދިން ބަޔާނާއި ތުހުމަތުވާ މީހުން ފާހަގަކޮށްފައިވާ ފޮޓޯ ސެޓް ދެއްކުމުން ވެސް އޭނާ ބުނީ ހަނދާން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތީ އޭނާގެ ސޮއިކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށް ބުންޏެވެ.
ދެވަނައަށް ހެކިބަސް ދިިން މީހާ ބުނީ ޓާމިނަލް ކެފޭގެ ބޭރުގައި އޭނާ ހުއްޓާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެތަނަށް ވަން ތަން ފެނުނު ކަމަށެވެ. އެ މީހުން އެތަނަށް ވަނުމާ އެކު އަޑު ގަދަވެ އަދި ގޮނޑިއެއް އެއްލި ތަން ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ. މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއް ކަން ނޭނގުނަސް، އެއީ ދެ ފިރިހެނުން ކަމަށް ބެލެވޭ ކަމަށް އޭނާ ކޯޓުގައި ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އޭގެ ތެރެއިން އެކަކު އާންމު މީހުންގެ އިސްކޮޅަށް ވުރެ ދިގެވެ. އެކަމަކު އެ މީހާ ފެނުނަސް، ނޭނގޭނެ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ދައުވާ ލިބޭ މީހުން ވަކިވަކިން ކޮޅަށް ތެދުކޮށް، އެތަނުން ފެނުނު މީހަކާ ވައްތަރުތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ބުނީ އެގޮތަށް ފާހަގަކުރަން ނޭނގޭނެ ކަމަށެވެ.
ދައުލަތުން ބުނީ ހަމަލާދިން ކަމަށް ތުހުމަތުވާ ބައެއް މީހުން ތަހުގީގަށް އޭނާ ފާހަގަކޮށްދިން ކަމަށެވެ. އެކަމަކު އެއީ ކޮން ބައެއް ކަން މިހާރު ފާހަގަކޮށް ދެވިދާނެތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނީ "ހަނދާން ނެތް" ކަމަށެވެ.
އޭނާ ބުނިގޮތުގައި އެތެރެއަށް ވަން ދެ މީހުން ނުކުމެގެން ވަރަށް ބާރަށް ދުވެފައި ދިޔަ ތަން ވެސް ފެނުނެވެ. އެ މީހުން ނުކުމެގެން ދިޔަ ފަހުން އޭނާ އެތަނަށް ވަތްއިރު މީހަކަށް އަނިޔާވެފައި އޮތް ކަމަށް އޭނާ ބުންޏެވެ.
ތިން ވަނައަށް ހެކިބަސް ދިން މީހާ ބުނީ ޓާމިނަލް ކެފޭ ތެރެއަށް މާސްކް އަޅައިގެން ތިބި ބަޔަކު ވަދެގެން ދިޔަ ތަން އޭނާއަށް ވެސް ފެނުނެވެ. އޭގެ ފަހުން ކެެފޭ ތެރޭގައި މާރާމާރީއެއް ހިންގި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ހަމަލާދިން ތަން ނުފެންނަ ކަމަށާއި ހަމަލާދިނީ ކޮން ބައެއް ކަން ވެސް ނޭނގޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނީ އެތެރެއަށް ވަން ދެ މީހުން ފަހުން ނުކުމެގެން ދިޔަ ތަން ފެނުނު ކަމަށެވެ.
ދައުލަތުން އޮތީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ސިޓީއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. ދައުލަތުން ބުނީ ދާދި ފަހުން މާލޭގައި ހިންގި ސިލްސިލާ މާރާމާރީތައް ގުޅެނީ ނަދީމުގެ މަރުގެ ޝަރީއަތުގައި ދޭ ހެކިބަހާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.
އެ މައްސަލާގައި ހެކިވެރިންނަށް ބިރު ދެއްކުމާއި ނުފޫޒު ފޮރުވުމުގެ އަމަލުތަކެއް ހިނގަމުން ދިއުމާ އެކު ބާކީ ތިބި ހަތަރު ހެކިވެރިން ހެކިބަސް ދޭން މިހާރު ދެކޮޅު ހަދަމުންދާތީ އެ މީހުންގެ ހެކިބަސް ނުނެގުމަށް ދައުލަތުން ނިންމި އެވެ. އެކަމަކު އެ މީހުންގެ ތަހުގީގު ބަޔާންތަކަށް ރިއާޔަތް ކުރަން ދައުލަތުން އެދުނެވެ.
ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ މާރާމާރީތައް ގުޅެނީ ނަދީމްގެ މަރުގެ ޝަރީއަތާ ކަން އެނގުނީ އެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުންތޯ ސުވާލު އުފެދޭ ކަމަށެވެ. ފުލުހުން ފަދަ ގާބިލް ބަޔަކަށް އެކަން ނޭނގި، ދެ ހަފުތާ ވަންދެން އޮވެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ދައުވާ ލިބޭ މީހުން ތިބީ ބަންދުގައި ކަމަށް ވާތީ އެ މާރާމާރީތަކާއި އެ މީހުންނާ ގުޅުވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަހުގީގު ބަޔާންތަކަށް ރިއާޔަތް ކުރަން ދައުލަތުން އެދޭތީ އޭގެ ރައްދުގައި ވަކީލް ނޫރު ވިދާޅުވީ ހެކިވެރިން ހާޒިރުނުކޮށް، ތަހުގީގު ބަޔާނަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި ތަހުގީގު ބަޔާންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށާއި ދައުލަތުން ތުހުމަތުކުރި އެއްވެސް ކަމެއް ހެކިންގެ ބަހުން ސާބިތުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.