02 މާޗް 2021 - 11:47

ރާއްޖޭގައި ފެތުރިފައިވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދައުލަތުން ކުރާ ޚަރަދު ތިން ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގެ ނިޔަލަށް ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.5 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފަ އެވެ.
މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެ ތަނަށް 867.9 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފަ އެވެ.
ފިނޭންސުން ބުނިގޮތުގައި، މިދިޔަ ހަފުތާގައި އެންމެ ބޮޑު ހޭދައެއް ކުރީ ހެލްތު މިނިސްޓްރީއަށެވެ. އެއީ ހަތަރު މިލިއަން ރުފިޔާ އެވެ.
އިކޮނޮމިކް ރެސްޕޮންސުގެ ދަށުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށެވެ. މި ސްކީމަށް މިހާތަނަށް 1.15 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންކަމް ސަޕޯޓުގެ ގޮތުގައި 273.9 މިލިއަން ރުފިޔާ އަދި ކަރަންޓު ބިލުތަކުގެ ޑިސްކައުންޓަށް 117.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން މިހާރު ހޭދަކުރަނީ ހަމައެކަނި އިންކަމް ސަޕޯޓަށެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަންނަނީ ވެކްސިން ދެމުންނެވެ. ރެއާ ހަމައަށް 117،115 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ 77،251 މީހަކާއި އަތޮޅު ތެރޭގެ 39،864 މީހަކަށެވެ.