ކޮވިޑް-19: ބްރެޒިލް ވޭރިއަންޓް މާ ފަސޭހައިން ފެތުރޭ
ކޮވިޑް-19: ބްރެޒިލް ވޭރިއަންޓް މާ ފަސޭހައިން ފެތުރޭ

ލަންޑަން (މާޗް 4) - ބްރެޒިލުން ފެނިފައިވާ ކޮރޯނާވައިރަހުގެ ވޭރިއަންޓް މާ ފަސޭހައިން ފެތުރޭ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

ބްރެޒިލްގެ މަނައުސް އިން ފެނުނު ޕީ.1 ވޭރިއަންޓަކީ ކޮވިޑުގެ އާއްމު ވައިރަހަށް ވުރެ ދެ ގުނަ ހަލުވިކޮށް ފެތުރޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ.

އިނގިރޭސި ވިލާތުން ވެސް ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެނިފައިވީ ނަމަވެސް އެ ގައުމުން މިހާރު ވަނީ ބްރެޒިލްގެ ވޭރިއަންޓް ފެނިފަ އެވެ. ޔޫކޭގެ ކޮރޯނާވައިރަހުގެ ޖެނެޓިކް ޓެސްޓިން ސެންޓަރުގެ ޑިރެކްޓަރު ޝެރޮން ޕީކޮކް ވިދާޅުވީ ބްރެޒިލްގެ ވޭރިއަންޓާ ގުޅޭ ގޮތުން ހޯދިފައި ވަނީ މުހިންމު ހޯދުންތަކެއް ކަމަށާއި އެކަމާ ގުޅޭ އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ޕީ.1ގެ ހަ ކޭސް އިނގިރޭސިވިލާތުން މިހާރު ވަނީ ފެނިފަ އެވެ. ޕާލަމެންޓް މެންބަރުންނަށް މައުލޫމާތު ދެއްވަމުން ހެލްތު ސެކްރެޓަރީ ހާންކޮކް ވިދާޅުވީ ބްރެޒިލް ވައިރަސް އިނގިރޭސިވިލާތުގައި އިތުރަށް ފެތުރޭކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

ބްރެޒިލްގެ ރިސާޗް ޓީމަކާއި ލަންޑަނުގެ އިމްޕީރިއަލް ކޮލެޖް ގުޅިގެން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ޕީ.1 ވޭރިއަންޓް ފެނިފައި ވަނީ ނޮވެމްބަރު މަހު ކުރީކޮޅު ކަމަށެވެ.

އިނގިރޭސި ވިލާތުން ފެނިފައި ވަނީ ބީ.1.1.7 ވޭރިއަންޓެވެ.