08 މާޗް 2021 - 08:40

ބާސެލޯނާ (މާޗް 8) - ސްޕެއިނުގެ ގަދަބާރު ބާސެލޯނާގެ ރައީސަކަށް ކުރިން ވެސް އެ މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވި ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެ އެވެ.
އުމުރުން 58 އަހަރުގެ ލަޕޯޓާ ވަނީ ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވައިފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ކްލަބްގެ ރައީސްގެ މަގާމަށް އިންތިހާބުވީ އިއްޔެ ކުރިއަށްދިޔަ ވޯޓުގެ ބޮޑު ޕަސެންޓެއް ކާމިޔާބުކޮށްގެންނެވެ. ލަޕޯޓާ އަށް ވަނީ 30،184 ވޯޓު ލިބިފަ އެވެ. ދެ ވަނަ އަށް ދިޔައީ 16،679 ވޯޓު ހޯދި ވިކްޓަ ފޮންޓް އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ބާސެލޯނާގެ ރައީސްކަމުން އިސްތިއުފާދިން ޖޯސެފް ބާޓޮމެއުއާ ގާތްގުޅުމެއް އޮންނަ ޓޯނީ ފްރެއިޒާ އަށް ލިބުނީ 4769 ވޯޓެވެ.
ލަޕޯޓާގެ ފުރަތަމަ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމެވެ.
ދެ ވަނަ ދައުރުގައި ލަޕޯޓާ އަށް ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖްތަކެކެވެ. ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ މުސްތަގުބަލާ ގުޅޭ ނިންމުމުގެ އިތުރުން އެ ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމެވެ. އެންމެ ފަހުން ނެރުނު މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ބާސެލޯނާގެ ދަރަނި ވަނީ 1.2 ބިލިއަން ޔޫރޯ އަށް އަރައިފަ އެވެ.
މެސީ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރާނެ ހަމައެކަނި ގޮތަކީ އޭނާ ކްލަބްގެ ރައީސްކަމަށް އިންތިހާބުވެގެން ކަމަށް މީގެ ކުރިން ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ. އިންތިހާބު ކާމިޔާބުކުރުމަށް ފަހު ލަޕޯޓާ ވިދާޅުވީ މެސީ ވޯޓުލާން އައުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަށް މެސީގެ ކޮންޓްރެކްޓް އާ ކުރުން ކަމަށެވެ.
ބާޓޮމެއުގެ ދައުރުގައި ހަދާފައިވާ ގޯސްތައް ރަނގަޅުކުރެވޭނީ އާއިލާއެއްގެ ގޮތުގައި ބާސެލޯނާ މަސައްކަތްކޮށްގެން ކަމަށާއި މީގެ ކްލަބަށް ހިދުމަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން ބައިވެރިވުން މުހިއްމުކަމަށް ލަޕޯޓާ ވިދާޅުވި އެވެ.