10 މާޗް 2021 - 15:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް ގެންނެވި ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ފެތުރީ ދޮގެއް ކަމަށް ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއާރުއެމްގެ ނައިބު ރައީސަކަށް ވެސް ހުންނެވި ޔުމްނާ ކުރެއްވި ޓުވީޓެއްގައި، ވެރިކަން ހިންގާ ކޯލިޝަންގައި ސާބިތުކަމާ އެކު މައުމޫން ހުންނެވި ކަމުގެ ޔަގީންކަން ދެއްވީ އެ މަނިކުފާނު އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ ގުޅިވަޑައިގަތުމުގެ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ރާއްޖެ އެމްވީގައި ރިޕޯޓް ކުރި ޚަބަރު ދޮގުކުރައްވަމުންނެވެ.
މައުމޫން ރައީސްކަން ކުރައްވާ އެމްއާރުއެމް އިން އެފަދަ އެއްވެސް ނިންމުމެއް ނުނިންމާ ކަަމަށް ޔުމްނާ ވިދާޅުވި އެވެ. އެފަދަ މަޝްވަރާއެއް ވެސް ޕާޓީ ތެރޭގައި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއާރުއެމް އިން މިފަދަ ނިންމުމެއް ނިންމައިފައެއް ނުވޭ. މިފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ،" ޔުމްނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް އިއްތިހާދުވެ މި ވެރިކަން ގެނައީ އެމްއާރުއެމްގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ހިމެނޭ ގޮތުންނެވެ. މި އިއްތިހާދާ ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދޭތެރެއަކުން ވާހަކަ ދައްކަވަ އެވެ. އެކަމަކު ރައީސް ސޯލިހް އަބަދުވެސް ވިދާޅުވަމުން އަންނަނީ ކޯލިޝަން ބަދަހިކަމާ އެކު ދެމިއޮންނާނެ ކަަމަށެވެ.
ވެރިކަންކުރާ ކޯލިޝަނާ ގުޅޭ ގޮތުން މައުމޫން އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމުގައި އެމްއާރުއެމް އިން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެހެންވެ، ސަރުކާރަށް ތާއިދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި އެމްއާރްއެމުން ސަރުކާރާ އެކު ދެމިއޮންނާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ވެރިކަމެއް އުފެއްދީ އެ މާޒީ އަށް ރުޖޫއަ ނުވާން ކަމަށެވެ. ކޯލިޝަން ބައިވެރިންގެ އެންމެ މުހިއްމު ވާޖިބަކީ ކޯލިޝަން ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.
މި ވެރިކަމަށް މައުމޫން ތާއީދުކުރެއްވީ، ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ގޯސްތައް އިސްލާހުކޮށް ގައުމު ހަމަ މަގަށް އަޅުވަން ޖެހިފައިވާ ކަމަށް ވިދާޅުވެ އެވެ. ޔާމީންގެ ވެރިކަމުގައި ހިންގި ހިޔާނާތާއި ގާނޫނުއަސާސީއާ ޚިލާފު އަމަލުތަކަށް މައުމޫން އަޑުއުފުއްލަވަން ފެއްޓެވެމުން ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން ވެސް ވަކިކުރީ އެވެ.
މި ވެރިކަމުގެ ކޯލިޝަންގައި އެމްއާރުއެމުން އެއްބާރުލުންދީގެން ތިބި ނަމަވެސް ކޯލިޝަންގެ ބައެއް ބައިވެރިންގެ ފަރާތުން އެމްއާރުއެމަށް ބޭއިންސާފު ބަސްތަކެއް އަޑުއިވިވަޑައިގަންނަވާ ކަމަށާއި އެއީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ. އެފަދަ ކަންކަމަކީ ކޯލިޝަން ބަލިކަށިވުމަށް މެދުވެރިވެދާނެ ކަންކަން މައުމޫން ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ކުރިން ދެކުނު އަނިޔާވެރި ދުވަސްތަކަކަށް އެނބުރިދާކަށް. ކުރިން ލިބުނު ނިކަމެތި ގޮތްތަކެއް ވާކަށެއް. ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވި މަންޒަރު ދެކެން ތިބޭކަށް. ވަރަށް ގިނަ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ވަނީ ހިނގާފައި،" މައުމޫން ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ އިސްލާހަށް މަސައްކަތުގައި ކުރިއަށް ދެވޭނީ، މައުމޫން ވިދާޅުވެފައިވާ ގޮތުގައި، ކޯލިޝަން އުފެއްދި މަގްސަދުގައި ދެމިތިބެގެންނެވެ.