އަވަށްޓެރި ގައުމުތަކުގެ ގުޅުމާ ބެހޭ ބައްދަލުވުމަކަށް ޝާހިދު އިންޑިއާއަށް
އަވަށްޓެރި ގައުމުތަކުގެ ގުޅުމާ ބެހޭ ބައްދަލުވުމަކަށް ޝާހިދު އިންޑިއާއަށް

އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމަށް ހާއްސަކޮށްގެން ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ މީގެ ހަތަރު އަހަރު ކުރިން "އިންޑިއާ ޓުޑޭ" އިން ބާއްވަން ފެށި "އިންޑިއާ ޓުޑޭ ކޮންލްކޭވް ސައުތު" ގަ އެވެ. މި އަހަރު ޗެންނައީގައި ބާއްވާ މި ބައްދަލުވުމުގައި މިފަހަރުގެ މައުލޫއަކީ އަވަށްޓެރި ގައުމުތަކުން ހިއްސާކުރާ ކަނޑުގެ ސަރަހައްދާއި ގައުމުތަކުގެ މެދުގައި ކުރިން އޮތް ގުޅުމާއި މި ޒަމާނުގެ ސްޓްރެޓެޖީތަކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވާހަކަދައްކަވާނީ އަވަށްޓެރި ގައުމުތަކުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބާއްވާ ސެޝަންގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ސެޝަންގައި ސްރީ ލަންކާގެ ފޮޮރިން މިނިސްޓަރު ދިނޭޝަ ގުނަވަރުދެނަ ވާޗުއަލްކޮށް ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިޖޭ ކުމާރު ސިންގް ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

އިންޑިއާ ޓުޑޭ ސައުތު އަކީ އިންޑިއާގެ ތަރައްގީ އާއި ކުރިއެރުމަށް އެ ގައުމުގެ ދެކުނުގެ ސްޓޭޓްތަކުގެ ހިއްސާ ބޮޑުކަން ފާހަގަކުރެވުމުން، އެ ސްޓޭޓްތަކުން ކުރަމުން އަންނަ މަސައްކަތަށް ހާއްސަކޮށްގެން ބާއްވަން ފެށި ބައްދަލުވުންތަކެކެވެ. އެ ސްޓޭޓްތަކުގެ ތެރޭގައި ކަރްނާޓަކާ އާއި ކެރަލާ އާއި އަންދްރަ ޕްރަދޭޝް އާއި ތަމިލް ނާޑޫ އާއި ޓެލަންގަނާގެ އިތުރުން ޕުޑެޗަރީ ހިމެނެ އެވެ.