11 މާޗް 2021 - 14:58

ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު "މިހާރު" އަށް ވިދާޅުވީ މިއީ އާދަޔާ ހިލާފު ވިއްސާރައެއް ނޫން ކަމަށާއި މިއީ ކޮންމެ އަހަރަކު ވެސް މާޗު މަހު ކުރާ ވިއްސާރައެއް ކަމަށެވެ.
"ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ވާރޭ ނުވެހެނީ. މި އަހަރުގެ ފެބްރުއަރީގައި ވެސް ދިޔައީ ވަރަށް ހޫނުކޮށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހު ރާއްޖޭޭގެ އެކި ސަރަހައްދުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެ ކަމަށެވެ. އަދި މި ދުވަސްވަރު ރާއްޖެއަށް މި ވިއްސާރަކުރަނީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްފަރަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހިި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި އިރާއި ދެކުނުން ގަޑިއަކު 5-15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 30 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އެހެންވެ އާދައިގެ ވަރަކަށް ކަނޑުގަދަވާނެ އެވެ.
މީގެ އިތުރުން މިރޭ 8:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވާރޭ ވެހި، ގުގުރާނެ ކަމަށް ބެލެވޭތީ މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.