12 މާޗް 2021 - 17:15

މަހާރާޝްތުރާ (މާޗް 12) - އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ނަގްޕޫރުގައި ކޮވިޑް ކޭސްތައް އިތުރުވެ އެ ސިޓީ ފުލް ލޮކްޑައުނަކަށް ދާން ނިންމައިފި އެވެ.
މި މަހު 15 އިން ފެށިގެން އެ ސިޓީ ލޮކްޑައުން ކުރާ އިރު ސިޓީއާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ވެސް ލޮކްޑައުން ކުރާނެ ކަމަށެވެ. ނަގްޕޫރު ހިމެނޭ މަހާރާޝްތުރާ ސްޓޭޓަކީ އަބަދުވެސް ކޮވިޑުގެ ހޮޓްސްޕޮޓެކެވެ. އިންޑިއާ އިން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެ އަދި އެކްޓިވް ކޭސް ވެސް އެންމެ ގިނައީ މަހާރާޝްތުރާ އިންނެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 11 މިލިއަން މީހުން ޕޮޒިޓިވްވެ 157،000 މީހުން މަރުވެފަ އެވެ.
ވޭތުވެދިޔަ ހަފުތާތަކުގައި އިންޑިއާގައި ކޭސްލޯޑް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މަހާރާޝްތުރާ ހިމެނޭ ގޮތަށް ހަ ސްޓޭޓެއް ވަނީ ފެބްރުއަރީ މަހު ވެސް ހަފުތާއަކަށް ލޮކްޑައުންކޮށްފަ އެވެ. ސައެންސްވެރިން ބުނަނީ ފަހަކަށް އައިސް އިންޑިއާގައި ކޭސްތައް އިތުރުވެފައި ވަނީ އާ ވޭރިއަންޓްތަކުގެ ސަބަބުން ކަމަށެވެ.
ޖެނުއަރީ މަހު 16 އިން ފެށިގެން އިންޑިއާގައި ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވެސް ފަށައިފަ އެވެ. މިހާތަނަށް ވަނީ 20 މިލިއަން މީހުން މަދުވެގެން އެއް ޑޯޒް ޖަހައިފަ އެވެ.
މަހާރާޝްތުރާ ސްޓޭޓުގެ ކެބިނެޓް މިނިސްޓަރަކު ވިދާޅުވީ ނަގްޕޫރު ލޮކްޑައުން ކުރި ނަމަވެސް ކުރިން ޕްލޭންކޮށްފައިވާ ގޮތަށް ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށެވެ.
ނަގްޕޫރު ލޮކްޑައުން ކުރި ނަމަވެސް ހޮސްޕިޓަލްތަކާއި ގްރޯސަރީތަކުން ޚިދުމަތް ދޭނެ އެވެ. ރެސްޓޯރެންޓްތައް ބަންދުކުރާނެ އެވެ. ހޯމް ޑެލިވަރީ އަށް ހުއްދަ އޮވެ އެވެ.
ނަގްޕޫރު ސަރަހައްދުން ދަނީ ދުވާލަކު 1،000 އަށް ވުރެ ގިނަ ކޭސް ވޭތުވެދިޔަ ދެ ހަފުތާގައި ރިޕޯޓްކުރަމުންނެވެ. އިއްޔެ އެ ސަރަހައްދުން ވަނީ 2،000 ކޭސް ރިޕޯޓްކޮށްފަ އެވެ.