ކައިވެންޏެއް ނުކުރަން ވިސްނިން: ވިދްޔާ ބާލަން
ކައިވެންޏެއް ނުކުރަން ވިސްނިން: ވިދްޔާ ބާލަން

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ވިދްޔާ ބާލަން ބުނާ ގޮތުގައި ކައިވެނީގެ ސަބަބުން އޭނާގެ ދިރިއުޅުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަދި އެއް އިރެއްގައި އެއްގޮތަކަށް ވެސް ކައިވެންޏެއް ނުކުރުމުގެ ވިސްނުމެއް ވެސް އޭނާ ގެންގުޅުނު ކަމަށް ވިދްޔާ ބުންޏެވެ.

ވިދްޔާ ބުނި ގޮތުގައި ކައިވެންޏެއް ކުރުމުން ވަރަށް ބޮޑެތި ބަދަލުތައް މީހާއަށް އާދެ އެވެ. ކައިވެންޏެއް ނުކުރަން މުޅިން ނިންމައިގެން ހުރި ނަމަވެސް ސިދާރްތު (ފިރިމީހާ)އާ ބައްދަލުވުމުން ޚިޔާލު ބަދަލުވީ ކަމަށް ވިދްޔާ ބުންޏެވެ.

ވިދްޔާ 2012 ގައި ކައިވެނިކުރީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ސިދާރްތު ރޯއި ކަޕޫރާ އެވެ.
ވިދްޔާ ބުނި ގޮތުގައި ކައިވެނި ނުކުރާއިރު ބޭނުން ކޮންމެ ގޮތެއް އުޅެވިދާނެ އެވެ. އަދި ބޭނުން ނަމަ ތޮށިގަނޑަކަށް ވަދެ ފިލާ ވެސް އިނދެވިދާނެ އެވެ.

ވިދްޔާ މިހާރު ކުރަނީ އޭނާގެ އާ ފިލްމު "ކަހާނީ 2: ދުރުގާ ރާނީ ސިންގް" ރިލީޒްކުރަން ކައިރިވާތީ އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތެވެ. ވިދްޔާ ބުނި ގޮތުގައި މި ފިލްމުގައި އޭނާ އަދާކުރާ ކެރެކްޓާ ކަމަށްވާ ދުރުގާ ރާނީ ސިންގަކީ ވަރަށް އޮޅުންބޮޅުން ބޮޑު މީހެކެވެ. އޭނާ އަކީ މީހުންގެ ލޯތަކަށް ފެންނަން ބޭނުންވާ މީހެއް ނޫނެވެ. އޭނާއަކީ އަމިއްލަ ދުނިޔެއެއްގައި އެކަނިމާއެކަނި އުޅެން ބޭނުންވާ މީހެކެވެ. ނަމަވެސް އޭނާގެ ހަޔާތުގައި ދިމާވާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދަނީ އެވެ.

"ޕަރިނީތާ" އިން ފިލްމީ ދުނިޔެއަށް ނުކުތް ވިދްޔާ ވަނީ ޕާ، އިޝްގިޔާ އަދި ބޫލް ބުލައްޔާ ފަދަ ފިލްމުތަކުގައި އޭނާގެ ކުޅަދާނަކަން ދައްކާލައިފަ އެވެ. އަދި ވިދްޔާ އަކީ ވަރަށް ބޮޑަށް ބަލާފައި އޭނާއަށް ހިތްހަމަޖެހޭ ފަދަ ރޯލެއް އޮތް ފިލްމެއް ނޫނީ ގަބޫލުކުރާ ތަރިއެއް ނޫނެވެ. ވިދްޔާ ބުނި ގޮތުގައި ކޮންމެ ކޮންމެ ރޯލެއް އޭނާ ނުކުޅޭނެ އެވެ. އެ ފިލްމެއްގައި އޭނާއަށް ރަނގަޅު އެކްޓިން އެއް ދެއްކޭ ފިލްމުތައް ނޫނީ އޭނާ ގަބޫލެއް ނުކުރާނެ އެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓްކޮށްފައިވާ "ކަހާނީ 2" ގެ ބަތަލަކީ އަރްޖުން ރާމްޕާލް އެވެ. މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.