ސިނޯފާމް އާއި ފައިޒާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި
ސިނޯފާމް އާއި ފައިޒާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އުފައްދާފައިވާ ސިނޯފާމް އާއި ފައިޒާ ވެކްސިނަށް ރާއްޖޭން ހުއްދަ ދީފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ މި ދެ ވެކްސިނަށް ހުއްދަ ދިނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް ކަމަށެވެ.

ބަލިން ދިފާއުވުމަށް ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކޮވިޝީލްޑް ވެކްސިނަށް މިދިޔަ ޖެނުއަރީ ފަހުކޮޅު އެމްއެފްޑީއޭއިން ހުއްދަ ދީ މިހާތަނަށް ވަނީ ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފަ އެވެ.

އިންޑިއާ ސަރުކާރާއި ކޮވެކްސް ފެސިލިޓީގެ ދަށުން 212،000 ކޮވިޝީލްޑް ވެކްސިން ޑޯޒް ލިބިފައި ވެ އެވެ. އިއްޔެއާ ހަމައަށް 206،114 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާތީ މިހާރު ބާކީ ހުރީ 5،886 ޑޯޒެވެ.

ރާއްޖެއަށް ސިނޯފާމް ވެކްސިންގެ 18،000 ޑޯޒް ލިބިފައި ވެ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 200،000 ޑޯޒް ހަދިޔާކުރަން ނިންމައިފަ އެވެ. ފައިޒާ ވެކްސިނެއް އަދި ނުލިބެ އެވެ. އެކަމަކު ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ވެކްސިންގެ އިތުރު އެއް މިލިއަން ޑޯޒް ގަންނަން ނިންމައިފަ އެވެ.

ސިނޯފާމް އަދި ފައިޒާ ވެކްސިންގެ ވެސް ދެ ޑޯޒް ޖަހަން ޖެހެ އެވެ. ސިނޯފާމްގެ ދެ ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒަށްފަހު 2-4 ހަފުތާ ފަހުންނެވެ. ފައިޒާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒަށްފަހު 4-6 ހަފުތާ ފަހުންނެވެ.

އައިޝަތު ވިދާޅުވީ ޔޫއެލް އެޕްރޫވަލް ލިބިފައި ނެތުމުން ސިނޯފާމް ވެކްސިނަށް ހުއްދަ ދިނުމުގައި ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހުނު ކަމަށެވެ.

ސީނޯފާމަކީ ވެކްސިން އުފައްދުމަށް ދުނިޔޭގައި ހަ ވަނައަށް އެންމެ ކުރީގައި އުޅޭ ކުންފުންޏެކެވެ. ސީނޯފާމްގެ އުފެއްދުން މެނުފެކްޗާ ކުރަނީ ބެއިޖިން އިންސްޓިޓިއުޓު އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް ކިޔާ ކުންފުންޏަކުންނެވެ.

އޭނާ ވިދާޅުވީ 2017 ގައި ޕޯލިއީ ވެކްސިން ކަހަލަ ވަރަށް މުހިއްމު ވެކްސިންތަކަށް އެ ކުންފުންޏަށް ޕްރީ ކޮލިފިކޭޝަން ލިބިފައި އެބަހުރި ކަމަށެވެ.

"...ކްލިނިކަލް ސްޓަޑީޒްތަކަށް ވަރަށް ބޮޑަށް ބަލައިލިން. އެއީ، މީގެން ކޮބާތޯ މި ދިމާވާ އެޑްވާސް ރިއެކްޝަނަކީ އަދި ސައިޑް އިފެކްޓްސްތަކަކީ ކޮބާތޯ. މި ގޮތަށް ކްލިނިކަލް ސްޓަޑީގެ ފޭސް 1، ފޭސް 2 އަދި ފޭސް 3، މި ސްޓަޑީތައް ވަރަށް އިންޓެންސިވްކޮށް ބަލައި ދިރާސާކުރިން. މި ގޮތަށް ވަކި އޭޖް ގްރޫޕަށް ހަދާފައި ހުރި ސްޓަޑީތައް ވެސް ބެލިން. ބަލާފައި އަޅުގަނޑުމެން މި ހުއްދަ ދެނީ މި ވެކްސިން 18-60 އަހަރުގެ މީހުންނަށް ބޭނުންކުރުމަށް،" އައިޝަތު ވިދާޅުވި އެވެ.

މިހާރު ވެސް ދުނިޔޭގެ 20 ގައުމެއްގައި ސީނޯފާމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީ އަންނަނީ ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ، އާޖެންޓީނާ ހިމެނެ އެވެ.

ފައިޒާ ވެކްސިނަކީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހުއްދަ ދިން ފުރަތަމަ ވެކްސިނެވެ. ދުނިޔޭގެ 70 ގައުމެއްގައި މިހާރު ވެސް އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީ ވެކްސިން ޖަހަމުންދެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސިނޯފާމް ވެކްސިނަށް ހުއްދަދިން ކަމުގައި ވިޔަސް އަދި އެ ވެކްސިން ބޭނުންކުރަން ނުފަށާނެ ކަމަށެވެ. ވެކްސިން ޖެހުމުގެ ދެ ވަނަ ބުރު އެއްކޮށް ޕްލޭނުކުރުމަށްފަހު ވެކްސިނަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތުގެ ޕްލޭނަކީ އެންމެ އަވަހަށް ލިބޭ ވެކްސިނުން ވީހާ ވެސް އަވަހަކަށް ގިނަ ބަޔަކަށް ޖެހުމެވެ.

ކުރިއަށް އޮތް ތަނުގައި ކޮވިޑުގެ އާ ވޭރިއެންޓުތަކާ އެއްޗެހި އަންނައިރު އިތުރު ޑޯޒް ބޭނުންވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި 18 އަހަރުވާ ކުދިންނަށް ވެކްސިންދީ، ރާއްޖެއަށް މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ވެކްސިން ޖަހަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އެފަދަ ސަބަބުތަކާ ހެދި ވެކްސިންގެ އިތުރު ޑޯޒް ހުންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.