ސިޓީ އަށް ހަތަރު ތަށި ނުހޯދޭނެ: ގާޑިއޯލާ
ސިޓީ އަށް ހަތަރު ތަށި ނުހޯދޭނެ: ގާޑިއޯލާ

މެންޗެސްޓާ (މާޗް 16) - މި ވަގުތު ހާލަތު އޮތްގޮތަށް ބަލާއިރު މި ސީޒަނުގައި މެންޗެސްޓާ ސިޓީ އަށް ހަތަރު ތަށި ހޯދޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 14 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އިނގރޭސި ލީގު ކަޕް ފައިނަލްގައި އަންނަ މަހު ސިޓީ އާއި ޓޮޓެންހަމް ވާދަކުރާނެ އެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ އެވަޓަން އާއި ކުޅޭއިރު، ސިޓީ މިރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަަނަ ލެގުގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ނުކުންނާނެ އެވެ. ފުރަތަމަ ލެގުން މުންޗެންގްލަޑްބެކް އަތުން ސިޓީ ވަނީ 2-0 އިން މޮޅުވެފަ އެވެ. އެހެންވެ ސިޓީ އަށް އޮތީ ކުއާޓާގެ ފުރުސަތު ބޮޑުވެފަ އެވެ.

ސިޓީގެ ވާތުބެކް އޮލެކްސަންޑަ ޒިންޗެންކޯ ދާދިފަހުން ވަނީ އެ ޓީމުން މި ސީޒަނުގެ ހަތަރު މުބާރާތް ކާމިޔާބުކުރަން އަމާޒުހިފާފައިވާ ކަމަށާއި އެ ހިތްވަރު އެ ކުޅުންތެރިންގެ ކިބައިން ފެންނަ ކަމަށް ބުނެފަ އެވެ. ގާޑިއޯލާ ބުނީ ޒިންޗެންކޯގެ ވާހަކަތަކާ އެއްބަސްވެވެން ނެތް ކަމަށާއި ސަބަބަކީ ހާލަތަށް ބަލާއިރު ހަތަރު މުބާރާތް ކާމިޔާބުކުރާ ވާހަކަ ދެއްކުން ރަނގަޅެއް ނޫން ކަމަށެވެ.

"އަހަރެން ޒިންޗެންކޯ އަށް ވުރެ ދުވަސްވެއްޖެ. އޭނާ (ޒިންޗެންކޯ) އަށް ވުރެ އަހަރެންގެ މާ ތަޖުރިބާ ގިނަވާނެ ފުޓްބޯޅައިގައި. އަހަރެން ޒިންޗެންކޯ ދެއްކި ވާހަކަ އަކާ އެއްބަހެއްނުވަން. ހަތަރު ތަށި ހޯދުމަކީ މީގެ ކުރިން އިނގިރޭސި ޓީމަކަށް ވެފައި އޮތް ކަމެއް ނޫން. އަދި މި ސީޒަނުގައި ހާލަތު މި އޮތްގޮތުން އަހަންނެއް ނުބުނާނަން އެ ކަމެއް އަހަރެމެންނަށް (ސިޓީ އަށް) ވެސް ކުރެވޭނެއޭ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސިޓީގައި މި ވަގުތު އޮތް ސްކޮޑަކީ އޭނާގެ ކޯޗުކަމުގައި އެ ކްލަބްގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް މިހާތަނަށް ފެންނަން އޮތް މަންޒަރުތަކަށް ބަލާއިރު އެއީ ހަގީގަތެއް ނޫން ކަމަށެވެ.

"މިހާރު މި އޮތް (ސިޓީ) ޓީމަކީ އެންމެ ދަށް ޓީމު އަހަރެންގެ ނަޒަރުގައި. އެއީ ކުރިން ކުޅުނު ޓީމުތަކުން އެބަހުރި ބައިވަރެއް ޓްރޮފީ ހޯދާފައި. މި ޓީމަކަށް އަދި އެކަމެއް ނުވޭ. މި ޓީމުން ތަށި ހޯދީމަ ދެން އެންމެ މޮޅު ޓީމުގެ ވާހަކަ ދެއްކިދާނެ،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ރަހީމް ސްޓާލިން އަށް ބެންޗުން ވެސް ފުރުސަތު ނުދެ އެވެ. އިނގިރޭސި މީޑިއާ އިން ވަނީ ސްޓާލިން އާއި ގާޑިއޯލާއާ ދެމެދު ދެބަސްވުމެއް އުޅޭ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު ސްޓާލިން އާއި ގާޑިއޯލާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ގާޑިއޯލާ ބުނީ ސިޓީގެ ރޮޓޭޝަން ޕޮލިސީ އޮންނަ ގޮތުން އެއްވެސް ކުޅުންތެރިއަކަށް ޖާގަ ޔަގީނެއްނުވާނެ ކަމަށެވެ.