ޕޭމަންޓް ސިސްޓަމް އައުމުން ރުފިޔާއިން ނޫނީ މުއާމަލާތެއް ނުކުރެވޭނެ: ގަވަރުނަރު
ޕޭމަންޓް ސިސްޓަމް އައުމުން ރުފިޔާއިން ނޫނީ މުއާމަލާތެއް ނުކުރެވޭނެ: ގަވަރުނަރު

އާ ޕޭމެންޓް ސިސްޓަމާ އެކު ރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރެވޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު ވިދާޅުވީ، ޕޭމަންޓް ސިސްޓަމްގެ ތެރެއިން ވިޔަފާރީގެ މުއާމާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ޖެހޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.

ރާއްޖޭގެ މަނިޓަރީ ގަވައިދުގައިވާ މިހާރުވެސް އޮންނަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ތަކެތީގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. ގަވައިދުގައި މިހެން އޮތް ނަމަވެސް މިގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމުގެ ހަރުދަނާ އުސޫލެއް ނެތެވެ. އާ ޕޭމަންޓް ސިސްޓަމާ އެކު މާލީ މުއާމަލާތްތައް މިހާރަށް ވުރެ ރަނގަޅަށް މޮނީޓާ ކުރެވޭނެ އެވެ.

ޑޮލަރުގެ އަގު ކޮންޓޯލްކުރުމާ ގުޅޭ ގޮތުން ގަވަރުނަރު ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރާނީ މުޅި އިގްތިސާދަށް އެކަމުން އަންނަ އިމްޕެކްޓް ބަލައިގެން ލަސްލަހުން ކަމަށެވެ.

"އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް، ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތަކުން މުއާމަލާތްކުރަން ޖެހޭނީ ރުފިޔާއިން ކަމަށް ކަނޑައަޅައި ރުފިޔާއިން އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރެވޭނީ ހަމައެކަނި ރުފިޔާއިން ކަމަށް އަޅުގަނޑުމެން ނިންމާނީ،" އޭނާ ވިދާޅުވި އެވެ.

ކާޑުގެ މުއާމަލާތްތަކުގައި ވެސް ރާއްޖޭގައި އޮންނަ އެކައުންޓަކުން އަނެއް އެކައުންޓަކުން ހިންގާ ފައިސާގެ މުއާމަލާތްތައް ދިވެހި ރުފިޔާއިން ކުރެވޭނެ ގޮތްތަކަށް ބަދަލު ގެންނަވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން އެކުލަވައިލަމުން އަންނަ ޕޭމެންޓް ސިސްޓަމާ އެކު މިފަދަ އިތުރު ބަދަލުތައް ވެސް މާލީ މުއާމަލާތްތައް ހިންގުމުގައި ގެންނާނެ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ، މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެކުލަވާލަމުން އަންނަ އިރު މިކަމުގައި ފިޔަވަަޅުތައް އަޅާ އިރު އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ވެސް ހިންގާނެ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމުގެ ގޮތުން މަރުކަޒީ ބޭންކުން އުސޫލުތަކެއް އެކުލަވައިލާ ކެބިނެޓަށް މިދިޔަ މަހު ހުށަހަޅައި އެކަމާ މެދު މަޝްވަރާ ވެސް ކޮށްފައިވެ އެވެ.

ރާއްޖޭގެ ޑޮލަރުގެ ސަޕްލައި ރަނގަޅުކުރަން މަރުކަޒީ ބޭންކުން ވެސް މަސައްކަތްތަކެއް ކުރަމުންދެ އެވެ. އެގޮތުން މިދިޔަ އަހަރު ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 150 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ.