ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!
ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!

ޕާޓީތަކާއި ސިޔާސީ މީހުންނަށާއި މީޑިއާ އާއި ނޫސްވެރިންނަށް އިންޑިޔާ އިން ރިޝްވަތު ދޭ ތުހުމަތުތަކަކީ، ދައްކާ އާންމު ވާހަކައެކެވެ. އެކަމަކު މި ފަހަރު އެ ތުހުމަތު މި އައީ ދިވެހި އަސްކަރިއްޔާގެ އެންމެ އިސް ވެރިންގެ މައްޗަށެވެ. އެ ތުހުމަތުތަކާ އެކު، އެމްއެންޑީއެފްގެ އިސް ވެރިންނަށް ވަރަށް އަސަރުކޮށްފި އެވެ.

ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!
ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!

"އަޅުގަނޑުމެންނަކީ ލާރިކޮޅަކަށް، ދެހާސް ވަރަކަށް ޑޮލަރަށް ވިކިގެންދާނެ ބައެއް ނޫން. އެއަށް ވުރެ ކްރެޑިބިލިޓީ ބޮޑުވާނެ،" ދިވެހި ސިފައިންގެ އެންމެ ޖެނެރަލަކު ފިޔަވައި، އެހެން ހުރިހާ ޖެނެރަލުން އިއްޔެ ބޭއްވެވި ނޫސްވެރިންްގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!
ރިޝްވަތުގެ ތުހުމަތާ އެކު ޖެނެރަލުންް ހިތްފަޅައިގެން!

"އަޅުގަނޑުމެންނަކީ ގައުމަށް ވަފާތެރިވާން ހުވައެއްކޮށްގެން ތިބި ބައެއް. ގައުމަށް ހިދުމަތް ކުރަން ތިބި ބައެއް."

ފެބްރުއަރީ 21 ގައި އިންޑިޔާ އާއި ރާއްޖެ އިން ސޮއިކުރި އުތުރު ތިލަފަޅު އެގްރިމެންޓާ ގުޅިގެން ސިފައިންގެ އިސް ވެރިންނަށް 20 މިލިއަން ޑޮލަރު ބެހި ވާހަކަ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ޖެހުމުން، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ގިނަ ޖެނެރަލުން ވަނީ އެކަމާ ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުންގެ ހުރީ ހިތްހަމަނުޖެހުންތަކެވެ!

"[ސިފައިންގޭގައި] ލައްކަ ދުވަސްވީ މީހެއްގެ ހައިސިއްޔަތުން ވަރަށް ދެރަވާ ވާހަކަތަކެއް އެއީ. ސިފައިން ކޮމްޕްރޮމައިޒް ކުރި ވާހަކަތަކަކާއި އަޅުގަނޑުމެންނަށް އެތައް މިލިއަން ޑޮލަރުތަކެއް ބެހި ވާހަކަ އާއި މިކަހަލަ ފިތުނަ ފަސާދަ އުފެދޭ ވާހަކަ ދެއްކީމަ ހަގީގަތުގައި ގައުމީ މަސްލަހަތާއި އަމިއްލަ ފަރުދުންގެ މަސްލަހަތަށް ވެސް ވަރަށް އެބަ ގެއްލުންވޭ،" ސިފައިންގެ އިސް ސަފުގައި މިވަގުތު ތިއްބެވި އެންމެ ދިގު ހިދުމަތެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ހިތްހަމަޖެހިވަޑައިނުގެން އިންނަވައި، ވިދާޅުވި އެވެ.

"މިކަހަލަ ވާހަކަ އަޅުގަނޑުމެންނާ ބެހޭ ގޮތުން ނުދައްކަވާ. ޕްލެޓްފޯމްތައް ހުންނާނެ އެކަހަލަ ވާހަކަތައް ދެއްކޭ ގޮތަށް. އެކަމަކު އަޅުގަނޑުމެން މީގައި ޖާމިނުވާ ގޮތަށް އެ ވާހަކަތައް ނުދައްކަވާ."

ސިފައިންގެ ކަންބޮޑުވުމަކަށް ވީ ދެ ކަމެކެވެ؛ އޭގެ ތެރެއިން އެއް ކަމަކީ، އެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އެއްވެސް އަސްލެއް ނެތް، ނުހައްގު ބަދުނާމްތަކެއް އެޅުވުމެވެ. އަނެއް ކަމަކީ ސިފައިންގޭގެ ހުރުމަތާއި ކަރާމާތް ގެއްލޭ ވާހަކަތަކެއް ފެތުރުމެވެ. އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ސިފައިން ތިބޭނީ ސިފައިންގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި އެހެން ހުރިހާ މުއައްސަސާތަކާ ހިލާފަށް، ނުގުޑާ ފަދަ އަޒުމެއްގައި ކަމެވެ.

"ދިވެހި އަސްކަރިއްޔާ އަށް ނިސްބަތް ކުރައްވާ އެފަދަ ވާހަކަތައް ނުދައްކަވާށޭ. މިއީ ކުޅޭކުޅޭ ތަނަކަށް ވެސް އެތަންތަނުގައި [ސޯޝަލް މީޑިއާ/ މީޑިއާގައި] ނުހައްދަވާ. ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ގެއްލިގެންދާ ގޮތަށް [އެ ޕްލެޓްފޯމްތަކުގައި] މަސައްކަތް ކުރިޔަސް އެކަމެއް އެގޮތަކަށް ނުވެސް ކުރެވޭނެ. ރައްޔިތުންނަށް މިއަންނަނީ ވަރަށް ރަނގަޅު ހިދުމަތްތަކެއް އަސްކަރިއްޔާ އިން ކޮށްދެމުން،" މަންސޫރު ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވެސް މިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ރިޝްވަތުގެ ތުހުމަތުތަކަކީ ހިތަށް ވެސް ނުގެނެވޭ ވަރުގެ ދެރަވަރުގެ ވާހަކަތަކެވެ. އޭނާ ހިތާމަކުރެއްވި އެއް ކަމަކީ، އެ ވާހަކަތަކާ އެކު، އެ މުއައްސަސާގައި އެތައް ދުވަހަކު އަމާނާތްތެރިކަމާ އެކު ހިދުމަތް ކުރެއްވި ބޭބޭފުޅުންގެ ކަރާމާތް ގެއްލުމެވެ.

"މިތާނގައި [ނޫސް ކޮންފަރެންސްގައި] ތިއްބެވި ބޭފުޅުންނަށް ބަލާއިރު ވެސް އެތައް އަހަރެއްގެ އަގުހުރި ހިދުމަތް ކުރެއްވި ބޭފުޅުން މިއީ. މި ބޭފުޅުންނާ ގުޅޭ ގޮތުން ވެސް އެއްވެސް ހަގީގަތެއް ނެތް [ވާހަކަތަކެއް] ފެތުރީ. މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އަދި އަޅުގަނޑުމެން އެކަހަލަ ގޮތަކަށް ފާހަގަކުރެވޭ ގޮތަށް ލިޔުއްވާ ކަމަށް ވަންޏާ ވަރަށް ސީރިއަސްކޮށް ބަލަން ބޭނުން،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޝްވަތުގެ ގޮތުގައި 20 މިލިއަން ޑޮލަރު ސިފައިންގެ ބޭފުޅުން ނެންގެވި ކަމުގެ ތުހުމަތު ކަހަލަ ދޮގު ތުހުމަތުތަކަކީ ސިޔާސީ ނުވަތަ އަމިއްލަ ބޭނުމެއްގައި ނަމަވެސް ފަތުރައިގެން ވާނެ ވާހަކަތަކެއް ނޫނެވެ.

"މި ހުންނަނީ ހަގީގަތުގައި ވަރަށް ދެރަ ވާހަކަ. ...ގައުމީ ދިފާއީ ބާރުގެ ނުވަތަ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރާ މީހަކާ މެދު މިފަދަ އިލްޒާމެއް އަޅުވާކަމަށް ވަންޏާ އެއީ ވަރަށް ހިތާމަކުރާ ކަމެއް."

އަދި އެފަދަ ކަމެއް ސިފައިންގެ އެއްވެސް މީހަކު ނުކުރާނެ ކަމުގެ ޔަގީންކަން ލީޑަޝިޕަށް އޮތް ކަމަށް ވެސް ޗީފް ވިދާޅުވި އެވެ؛ "އަޅުގަނޑުމެންގެ ޖެނެރަލުންގެ ހުރިހާ ބޭފުޅުންނާ ވެސް ފުލް ކޮންފިޑެންސް އެބަ އޮތް. މި މުއައްސަސާގެ އެހެން އޮފިސަރެއްގެ ފަރާތުން ވެސް އެފަދަ އެލިގޭޝަނެއް އޮތް ކަމަށް ވަންޏާ ކަމާ ބެހޭ ފަރާތަށް ހުށަހަޅުއްވައިގެން ބައްލަވާ."

ގައުމެއްގެ އެންމެ ވަރުގަދަ އެއް މުއައްސަސާގެ އަގު ވައްޓާލާއިރު، މަންސޫރު ވިދާޅުވީ، އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއްތޯ ވިސްނާލުން މުހިންމު ކަމަށެވެ. އޭނާ ނޫސްވެރިން ކައިރީގައި އައްސަވަމުން ވިދާޅުވަނީ، ސިފައިންނާ އެއްވަރަށް ގައުމަށް ހިދުމަތް ކުރި އެހެން މުއައްސަސާއެއް އޮތްތޯ އެވެ؟

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސަލާމަތާއި ދިފާއަށް މި މުއައްސަސާ އަށް ވުރެ ގުރުބާންތަކެއްވިި އެހެން މުއައްސަސާއެއް ނޯންނާނެ،" އެ ސުވާލަށް އަމިއްލަ އަށް ޖަވާބު ދެއްވަމުން މަންސޫރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މިތާނގައި ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. އެ ޔަގީންކަން ދިވެހިން ރައްޔިތުންގެ ހިތްޕުޅުގައި ވެސް އޮންނަންވާނެ."

އެމްއެންޑީއެފްގައި އިއްޔެ ބޭއްވެވި ނޫސްވެރިންގެ އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާއާ އެކު ސަރުކާރުން ވި އެއްބަސްވުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމެވެ. އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ރައްޔިތުން ކަންބޮޑުވާ ވަރުގެ ކަމެއް އެ އެގްރީމެންޓްގައި ނެތް ކަމަށެވެ. އަދި "އެއްވެސް ޖެނެރަލަކު ވެސް އެ އެގްރިމެންޓާ ދޭތެރޭ ކަންބޮޑުވުމެއް ނެތް" ކަމަށް ޝަމާލް ވިދާޅުވި އެވެ.

"މި ތިއްބެވީ ހުރިހާ ޖެނެރަލުން. ތި ބޭފުޅުންް އައްސަވާ،" އޭނާ ވިދާޅުވި އެވެ.