13 ނޮވެމްބަރ 2016 - 17:58

ކޮލަމްބޯ (ނޮވެމްބަރު 13) - ލަންކާ އިން ބޭރު މީހުންނަށް ބިން ވިއްކުން މަނާކޮށްފައި އޮތް އޮތުން އެ ގައުމުގެ ސަރުކާރުން ނިމުމަކަށް ގެނެސްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ޕާލަމެންޓަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ ވިދާޅުވީ ބޭރު ފައިސާ އަށް ޖެހިފައިވާ ލަންކާގެ އިމާރާތް ކުރުމުގެ ދާއިރާ އަށް ބޭރުގެ އިންވެސްޓަރުން ބޭނުންވާ ކަމަށެވެ. ލަންކާގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގެ އިމާރާތް ކުރުމުގެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ކުރިއަރަން ފަށައިފަ އެވެ.

"އިމާރާތް ކުރުމުގެ ދާއިރާ އަށް އިތުރަށް އެހީވެ ދިނުމުގެ ގޮތުން ބޭރު މީހުންނަށް ބިން ގަތުމުގައި ހުރި ހުރަސްތައް ވަނީ ނައްތާލަން ނިންމާފައި،" ކަރުނަނަޔަކަ ވިދާޅުވި އެވެ.
ބޭރު މީހުންނަށް ލަންކާ އިން ބިމާއި ފްލެޓް ގަތުން މަނާކުރީ 2014 ވަނަ އަހަރު އެވެ.
ލަންކާ އަށް ބޭރުގެ އިންވެސްޓްމަންޓް އިތުރު ކުރުމުގެ ގޮތުން ވަކި ފަރުދުންނަށް ވެސް ފަހަރަކު 45،000 ޑޮލަރު އެތެރެވޭ ގޮތަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވި އެވެ. ކުރިން އެ އަދަދު އޮންނަނީ 15،000 ޑޮލަރަށް ލިމިޓް ކޮށްފަ އެވެ.
މާލީ މައްސަލަތައް ދިމާވެފައިވާ ލަންކާ އިން ވަނީ ކާރުތަކުން އާ ކާބަން ޓެކްސްއެއް ތައާރަފްކޮށްފަ އެވެ. އަދި ޓްރެފިކް ގަވާއިދާ ޚިލާފުވާ ފަރާތްތަކުން ނަގާ ޖޫރިމަނާ ވެސް ވަނީ ބޮޑުކޮށްފަ އެވެ. ލަންކާ އިން ވަނީ އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަ ކުރަން ވަރަށް ބޮޑަށް ހިފައިފަ އެވެ.
ލަންކާ އިން މިހާރު ވަނީ ހަނގުރާމައިގެ ސަބަބުން ވީރާނާވި އުތުރާއި އިރުމަތީގެ ހިސާބުތައް އާރާސްތު ކުރުމުގެ ގޮތުން އެ ސަރަހައްދުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޓެކްސް އަށް ބޮޑެތި ލުއިތައް ދޭން ނިންމައިފަ އެވެ.
ލަންކާ އަށް ބެލެންސް އޮފް ޕޭމަންޓް މައްސަލަތަކެއް މި އަހަރު ކުރީކޮޅު ދިމާވުމުން އައިއެމްއެފުން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޖޫން މަހު ހޯދައިފަ އެވެ.