18 މާޗް 2021 - 18:29

އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ކ. ގާފަރު، އޯކިޑްމާގޭ، އަބްދުއްސަލާމް 15 އަހަރަށް ޖަލަށްލާން ސެޕްޓެމްބަރު، 2019 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ ޖެނުއަރީ، 2012 ގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގަ އެވެ.
އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާ، އޭނާގެ މަންމަ އާއި މާމަ އާއި ބޮޑުދައިތަ އަށް ކިޔައިދީފައިވާ ވާހަކަތަކަށް ބެލުމުން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ބުނެފައިވާ ކަމަށެވެ. ހަމަ އެގޮތަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަށް ވެސް އެ ކުއްޖާ އެ ވާހަކަ ކިޔައިދިން ކަމަށާއި އެ ކުއްޖާގެ ނަފުސާނީ ހާލަތުު ބެލި ރިޕޯޓުގައި، ޖިންސީ ގޯނާގެ ސަބަބުން ނަފުސާނީ އަސަރުތަކެއް އެ ކުއްޖާ އަށް ކޮށްފައިވާ ކަން އެނގޭ ކަމަށް އެ ހުކުމުގައިިވެ އެވެ.
އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އެހެންވެ، ދަށު ކޯޓު ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.