19 މާޗް 2021 - 20:35

ދ. ކުޑަހުވަދޫން އިތުރު 13 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، އާއްމުންގެ ތެރޭގައި ބަލިމަޑުކަން އޮތްކަން ޔަގީންވެއްޖެ އެވެ.
ކުޑަހުވަދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ، އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މުވައްޒަފަކު، މިދިޔަ ބުދަ ދުވަހު އެވެ. ބެލެވޭ ގޮތުން އެ މީހުންނަށް ބަލި ޖެހުނީ، އެއާޕޯޓުގެ މަސައްކަތަކަށް މާލޭން ދިޔަ ބައެއްގެ ފަރާތުންނެވެ.
ހަ މީހަކު ޕޮޒިޓިވްވުމާއެކު، އެ މީހުންނާ ބައްދަލުވި 160 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނީ ޓެސްޓު ކުރި ސާމްޕަލްގެ ތެރެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ދިހަ މީހަކާއި އެކްޓިވް ސަވައިލަންސްގެ ދެ މީހެއްގެ ތެރެއިން އަލާމާތްތައް ހުރެގެން ޓެސްޓު ކުރި މީހެކެވެ.
ރަށުގެ ބަޔަކަށް ބަލި ޖެހުމާއެކު އެ ރަށް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އަދި މިދިޔަ މަހުގެ 26ގެ ފަހުން އެ ރަށުގައި ތިބުމަށް ފަހު ދަތުރުކުރި މީހުން ކަރަންޓީނު ވާން ވަނީ އަންގައިފަ އެވެ.