ދިބާކަރް ބެނަޖީގެ "އެލްއެސްޑީ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި
ދިބާކަރް ބެނަޖީގެ "އެލްއެސްޑީ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި

ވަރަށް ތަފާތު ގޮތަކަށް މީގެ 11 އަހަރު ކުރިން ޑައިރެކްޓަރު ދިބާކަރް ބެނަޖީ ގެނެސްދިން އެންތޮލޮޖީ ފިލްމު ލަވް، ސެކްސް އޯރް ދޯކާ (އެލްއެސްޑީ) ގެ ސީކްއެލްއެއް ގެނެސްދޭން ނިންމައި އެ ފިލްމު އިއުލާންކޮށްފި އެވެ.

ކުރީގެ ފިލްމު ވެސް ޕްރޮޑިއުސްކުރި އެކްތާ ކަޕޫރާއި ދިބާކަރް ގުޅިގެން "އެލްއެސްޑީ 2" ގެނެސްދޭން ނިންމި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ދިބާކަރްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.

ދެހާސް ދިހައެއްގައި ގެނެސްދިން "އެލްއެސްޑީ" އަކީ އާންމުކޮށް ފިލްމު ހަދާ ސްޓައިލާ މުޅިން ތަފާތުކޮށް ގެނެސްދިން ފިލްމެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އޭތި ކެމެރާކޮށްފައިވާ ގޮތެވެ. އެގޮތުން ފިލްމު ބަލާ އިރު ހީވާނީ އޭގައި އުޅޭ ކެރެކްޓާތައް އަމިއްލަ އަށް ކެމެރާ ހިފައިގެން ތިބެ ފިލްމު ގެނެސްދޭހެންނެވެ. އަދި ބައެއް މަންޒަރުތައް ބޮޑަށް ވައްތަރީ ސީސީޓީވީ ފުޓެޖްތަކާ އެވެ.

ތިން ސެގްމަންޓަތުން ތިން ވާހަކައެއް ކިޔައިދިން "އެލްއެސްޑީ" ގެ ކާސްޓުން ފެނިފައި ވަނީ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ އާއި އަންޝުމަން ޖާ އާއި ނޭހާ ޗޯހަނާއި އަމިތު ސިއަލް އާއި ހަރީ ތަންގްރީގެ އިތުރުން އާޝިޝް ޝަރުމާ އެވެ.

އެންމެ ދެ ކްރޯޑް ރުޕީސް (276,082.74 ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 9.8 ކްރޯޑް ރުޕީސް (1.35 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ދިބާކަރް ބުނީ އަނެއްކާ ވެސް އަލުން ޒުވާން އޯޑިއަންސަށް އަމާޒުކޮށްގެން "އެލްއެސްޑީ 2" ގެނެސްދެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ޝައުގުވެރި ފިލްމަކަށް ދެވަނަ ބައި ވާނެ ކަމަށެވެ.

ނަމަވެސް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.