21 މާޗް 2021 - 08:17

ބުދަ ދުވަހާ ގުޅޭ
"ޑެޑީ!" ހިތްހަމަނުޖެހިފައި ހައިފާ ބުންޏެވެ. "ސްޓޮޕް!"
އެ ހިސާބުން ދެން އަހަރެން އެންމެ ލަފުޒެއް ވެސް ނުބުނަމެވެ. މަންމައަށް ކުރުނބާ ހަދައި، ހެވާ ކަހައިދިނީ ވެސް އަހަންނެވެ. ހައިފާ ވެސް އިތުރު އެއްޗެއް ނުބުނެއެވެ.
ފަހުން ވެސް އެ ކަމާ އަހަރެން ވަރަށް ދެރަ ވިއެވެ. އޭގެ ކުރިން މަންމަޔާ ދިމާއަށް އަހަރެން އެއްޗެއް ބުނި ތަނެއް ހައިފާއަކަށް ނުފެންނާނެއެވެ. އަހަންނާއި ޒުމްރާ ދެބަސްވި ތަނެއް ނުވަތަ އަހަރެން ރުޅިއައިސްފައި ހުއްޓައެއް ވެސް ހައިފާއަކަށް ނުފެންނާނެއެވެ. އެ ފަދަ މަންޒަރުތަކަކީ ހައިފާއަށް ފެންނަން އަހަރެން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ. އަހަރެންގެ މަންމަ ދެކެ ހައިފާ ވަރަށް ލޯބިވެއެވެ. އެހެންކަމުން އެ ދުވަހު ހައިފާގެ މޫނުމަތިން އަހަންނަށް ނުތަނަވަސްކަން ފެނުނެވެ.
"އޭގެ ސަބަބުން ކަމެއް ވަންޏާ އެ ދުވަހު ނޫނީ އަނެއް ދުވަހުއެއްނު ހައިފާއަށް އެހެން ވާން ޖެހޭނީ،" އަހަރެން ބުނީމެވެ. "އޭގެ ހަތަރު ދުވަސް ފަހަކުން ނޫން ވާންޖެހޭނީކީ."
އަހަރުމެންނަކަށް ގޮތެއް ނުނިންމުނެވެ. ނަފުސާނީ ބަލިތަކަށް ފަރުވާކުރަން ދަސްކުރާ ރައްޓެއްސެއް، އެ ދުވަސްވަރު މެލޭޝިޔާގައި ކިޔަވަން ހުއްޓެވެ. އަހަރެން އޭނަޔާ ވާހަކަދެއްކީމެވެ. އެހީތެރިވާން އޭނަ ކިތަންމެހާ ވެސް ބޭނުމެވެ. އެކަމަކު އެއްވެސް ކަމެއް އޭނައަށް ކުރެވެން އަންނަނީ އޭނަޔާ ހައިފާ ވާހަކަދައްކައިގެންނެވެ. މައިންބަފައިންނާ ވާހަކަ ނުދެއްކި ކުއްޖެއް، ދުރު މީހަކާ ވާހަކަދައްކާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ލަފަޔަކީ ލަސްނުކޮށް ސައިކިއޭޓްރިސްޓަކަށް ދެއްކުމެވެ. އަހަރެން ޒުމްރާޔާ މަޝްވަރާކުރީމެވެ. ހައިފާ ދައްކަންވީ ސައިކިއޭޓްރިސްޓަކަށް ހެއްޔެވެ؟ ފަންޑިތަހަދާ މީހަކަށް ހެއްޔެވެ؟ އަހަންނާއި، ޒުމްރާއާއި، މަންމަގެ ވިސްނުން ހުރީ ތިން ދިމާއަށެވެ. މަންމައަށް ފެނުނީ ވާ ގޮތެއް ބަލައިލަން އިހަށް މަޑުކުރާށެވެ.
މަންމައަށް އިހުތިރާމުކުރުމުގެ ގޮތުން އަހަރެން ކަމެއް ނުކޮށް މަޑުކުރީމެވެ. ހުރިހާ އެންމެންގެ ސަމާލުކަން ހައިފާއަށް ދީގެން ހައިފާ ބެލެހެއްޓީމެވެ. އޭނަ އުފާވާނެ ހުރިހާ ކަމެއް ކޮށްދިނީމެވެ. ތިން ދުވަސް ވީއިރު ވެސް ބަދަލެއް ނައެވެ. އެންމެ ލަފުޒެއް ވެސް ހައިފާ ނުބުންޏެވެ. އެ ހިސާބުން މަންމަ ވެސް އެދުނީ ކޮންމެވެސް މީހަކަށް ހައިފާ ދައްކާށެވެ. ފަންޑިތަހެދުމުގެ ހިޔާލު އަހަރުމެން ދޫކޮށްލީމެވެ. ބާކީ އޮތީ ސައިކޭޓްރިސްޓަކަށް ދެއްކުން އެކަންޏެވެ.
މާލޭގައި އެ ކަހަލަ ކަންކަމަށް އެންމެ މަޝްހޫރީ ލީޒާއެވެ. އަހަރެން އޭނަގެ ނަންބަރު ހޯދީމެވެ. މިވާދެއް ހަމަޖައްސައިގެން ލީޒާއާ ބައްދަލުކުރީމެވެ. ވީ ގޮތް ކިޔައިދިނުމުން ލީޒާ ވެސް މަސައްކަތްކުރީ ހައިފާއާ ވާހަކަދައްކާށެވެ. އޭނައަކީ އެ ފަންނުގައި ފުންނާބު އުސް ކަނބަލެކެވެ. ތަޖުރިބާ ހުރި މީހެކެވެ. އެހެނަސް، ލީޒާއަކަށް ވެސް އެ ކަމެއް ކާމިޔާބެއް ނުވިއެވެ. ދެން ލީޒާ ބެލީ ހައިފާ ލައްވައި ކުރެއްސޭތޯއެވެ. ކުރެހުން ބަލައިގެން ހައްލެއް ހޯދުމުގެ ނިޔަތުގައެވެ. ނަފުސާނީ ގޮތުން މައްސަލަތައް ކުރިމަތިވާ ކުދިން، އެ ކުދިންގެ ކުރެހުމުން އެ ވާހަކަ ކިޔައިދޭން މަސައްކަތްކުރެއެވެ. އެތަކެއް ސުވާލެއްގެ ޖަވާބު ކުރެހުންތަކުން ލިބެއެވެ. އެއީ ދުނިޔޭގެ އެހެން ތަންތަނުގައި ފަރުވާކުރުމުގައި ކަން ކުރާ އުސޫލެކެވެ.
ކުރަހާ ސާމާނު ދިނުމުން ހައިފާ އެއްޗެހިތަކެއް ކުރެހިއެވެ. ކުޑަކުދިން އާންމުކޮށް ކުރަހާނެ ކަހަލަ އެއްޗެއްސެވެ. ބުޅަލާއި، ގެއާއި، ގަހާއި، އާފަލާއި، ހައިފާ ބަލާ ކާޓޫނުގައި އުޅޭ އަހެވެ. ގިނައިން ކުރަހަނީ އަހެވެ. ފެންނާނެ ކަމަށް ލީޒާ އުންމީދުކުރި އެއްވެސް މަންޒަރެއް ނުފެނުނެވެ. ގޮތް ނޭނގޭ މޫނެއް ނުވަތަ އިސްކޮޅުން އާދަޔާ ހިލާފަށް ދިގު ސޫރައެއް ހައިފާ ނުކުރަހައެވެ. ނަތީޖާއަކަށް ވީ ނަތީޖާއެއް ނުނެރެވުނެވެ. ނިންމުމަކާ ހަމައަކަށް ލީޒާއަށް ނާދެވުމެވެ. ޖެހިގެން އުޅޭ މައްސަލަ ނޭނގި ލީޒާއަކަށް ފަރުވާއެއް ނުކުރެވުނެވެ. ނަފުސާނީކަންކަން ހައްލުކުރުމަށް ވަގުތު ނަގާނެކަމަށް ލީޒާ ބުނުމުން އެ ކަން އަހަރެން ގަބޫލުކުރީމެވެ.
ދެ ދުވަހުން އެއް ދުވަހު ލީޒާގެ ކުލިނިކަށް ހައިފާ ގެންދަން ޖެހެއެވެ. އެ ކުލިނިކަކީ އަގު ހެޔޮ ތަނެއް ނޫނެވެ. ލީޒާގެ މުޅި ހަޔާތުގައި ވެސް ހައިފާގެ ވޭދަނަ ކަހަލަ ވޭދަނައަކާ ދިމާވި ހެނެއް ހިޔެއްނުވެއެވެ. ކުއްލިއަކަށް ހައިފާ ރަނގަޅުވާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އެކަމަކު ހަފުތާއެއް ވާއިރު، ރަނގަޅުވާ ކަމުގެ ކޮންމެވެސް ނިޝާނެއް ފެންނާނެ ކަމަށް އަހަރެން އުންމީދުކުރީމެވެ.
ވާނުވާ ނޭނގޭ ކަންކަން ދިމާވުމަކީ ހިތަށް ބިރުވެރިކަން ވަންނަ ކަމެކެވެ. ސަބަބެއް އުފައްދައިގެން ނަމަވެސް ހިތަށް ފިނިކަމެއް ހޯދަން މީހުން ބޭނުންވަނީ އެހެންވެއެވެ. އެ ހާލަތުގައި އަނެކާގެ ބޮލުގައި ތުހުމަތު އެޅުވުމަކީ އިންސާނީ ތަބީއަތެކެވެ. ޒުމްރާގެ ނަޒަރުގައި ހައިފާއަށް އެހެން ދިމާވީ ހައިފާގެ "މައި ލިޓްލް ޕޯނީ" ދުނިޔޭގެ ސަބަބުންނެވެ. އެ ކަން ގަބޫލުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ވެސް ސަބަބެއް ހޯދީމެވެ. އަހަރެންގެ ނަޒަރުގައި ހުރިހާ ވެސް މައްސަލައަކީ، ހައިފާ މޮޅު ކުއްޖަކަށް ހަދަން ޒުމްރާ އިސްކުރި ހަރުކަށިކަމެވެ. އާއިލާއަށް ހާސްކަން ކުރިމަތިވުމުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ބަދަލުގައި، އަހަރުމެންނަށް އަތުކުރި އޮޅައިލެވުނީ އަނެކާގެ ކުށްދައްކާށެވެ.
"ޒުމްރާއަށް މާ ބޮޑަށް ހައިފާއަށް ޕްރެޝަރ ކުރެވުނީ،" އަހަރެން ބުނީމެވެ. ވިސްނައިދޭ ރާގުގައެވެ. "ކިހާ ދެރަ! އޭނަ ބޯގޮވީ! މަށަށް ޔަގީން."
އެހާ ސީދާކޮށް ޒުމްރާއާ ދިމާއަށް އިނގިލި ދިއްކުރުމުން ޒުމްރާ ވަރަށް ދެރަވިއެވެ. އަހަރެން ބުނީ ތެދެއްކަން ޒުމްރާއަށް ގަބޫލުކުރެވުނު ކަހަލައެވެ. އިސްޖަހައިލައިގެން އެތައް އިރަކު ޒުމްރާ ވިސްނިއެވެ.
"އަހަންނަށް އެނގޭ ކިޔެވުން ކިހާ މުހިންމުކަން،" ޒުމްރާ ބުންޏެވެ. "އަހަރުމެން ނެތް ދުވަހަކުން ވެސް އަހަރެން ބޭނުން އަހަރުމެންގެ ދަރިފުޅަށް އުޅެވޭ ވަރު ކުރަން."
"އެކަމަކު އޭނައަށް ނޭވާލާނެ ޗާންސެއް ލިބިގެން ދޯ ކިޔެވޭނީ ވެސް،" އަހަރެން ބުނީމެވެ. "ސްކޫލުން އަންނަ ގޮތަށް ހޯމްވޯކު. ދެން ޓިއުޝަން. ދެން އިންގްލިސް ލޭންގްއޭޖު ކްލާސް. ގުރުއާން ކްލާސް. ނިދަން ވަންދެން އެ ވަރެއްގަ. އަދި ނިދަމުން އެވެނި ސޫރަތެއް ކިޔައިދޭން ޖެހޭ. މިވެނި ދުއާއެއް ކިޔައިދޭން ޖެހޭ. ނަމާދުކުރާ އެއްޗެހި ދަސްނުވެގެން ވެސް ޒުމްރާ ހުންނަނީ ލޭމައްޗަށް ގޮއްސަ. ޓޫ މަޗް!"
އަހަރުމެން މަޝްވަރާކުރަނީ ހައިފާ ނިދީމައެވެ. އެކަމަކު ވާހަކަދައްކަން ތިބެނީ ހައިފާ ކައިރީގައެވެ. ދައްކާ ހުރިހާ ވާހަކައެއް ހައިފާ އަޑުއަހާފާނެ ކަމަކަށް އަހަރުމެން ހިތަކަށް ވެސް ނާރައެވެ.
"ހައިފާ މަތީ މާކްސް ގެނައިމަ އަނަސް ވެސް ނުލާހިކު އުފާވެެގެން އެ ވާހަކަދައްކާ!" ޒުމްރާ ބުންޏެވެ.
"އުފާވެއޭ! އެކަމަކު އަަހަރެން އޭރު ވެސް ބުނިން ހައިފާއަށް އެ ވަރަށް ސްޓްރެސް ނުކުރާށޭ،" އަހަރެން ބުނީމެވެ. "ކިޔެވުން ރަނގަޅުވީމަ އެ ނިމުނީއޭ ގުރޭޑު މަތިކުރުމަކީ ބޭނުން ކަމެއް ނޫން. ސްކޫލުން ދެންޏާ ދޭހާ ޝީލްޑަކާ، ތައްޓަކާ، އިނާމަކާ، މުޅި ކްލާހުން އެއްވަނަ އަހަންނަކަށް މުހިންމެއް ނޫން. ކިހާ ވަރަކަށް ބުނިން ފާސްވަންޏާ އަހަރެން ހެޕީއޭ. މަ ބުނާނީ އެންމެ ފަހުން އޭނަ ފިއުޒުދިޔައީއޭ."
އެ ވާހަކަތައް އިވުމުން ޒުމްރާ ވަރަށް ދެރަވިއެވެ. ރުޅި ވެސް އައެވެ. އޭގެ ފަހުން ޒުމްރާ ހުންނަނީ ފާޑެއްގެ ފޫއްސެއްވެފައެވެ. އެއްކޮޅުން ހައިފާގެ ގޮތް ނޭނގޭ ބައްޔެވެ. އަނެއް ކޮޅުން އަހަންނާއި ޒުމްރާ މޫނުކެނޑެން ފެށިއެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ އުނދަގޫ ދުވަސްތަކެއް ނާދެއެވެ. އެ ވަރުން ވެސް އާއިލާގެ މީހުންނަކާ އެ ވާހަކަ ހިއްސާއެއް ނުކުރަމެވެ. މައްސަލަ އިތުރަށް ފުޅާވާން ބޭނުން ނުވާތީއެވެ.
ޗުއްޓީއަށް ފަހު އަލުން ކިޔެވުން ފެށުނެވެ. އިސްކޫލަށް ނުދާކަށް ހައިފާ ނޫޅެއެވެ. ދިޔަކަސް ކިޔަވާކަށް ނޫޅެއެވެ. ބައެއް ދުވަސްދުވަހު އެއްވެސް ފިލާވަޅެއް ނުނަގައެވެ. ބައެއް ދުވަސްދުވަހު ކޮންމެވެސް ވަރެއް ކުރެއެވެ. އެކަމަކު އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ޓީޗަރަށް އެ ކަން ފާހަގަވެގެން އަހަރުމެންނާ މަޝްވަރާ ވެސް ކުރިއެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު އަހަރެން ހޭލަނީ އެ ދުވަހު ހައިފާ ރަނގަޅުވާނެ ކަމަށް އުންމީދުކޮށްގެންނެވެ. އެހެނަސް ހައިފާގެ އަޑެއް އަހަރުމެންނަކަށް ނީވުނެވެ. ހައިފާގެ ހިނިތުންވުމާއި، ދުވެ ސަކަރާތްޖަހާ ތަނެއް ނުފެނުނެވެ. ފައިސާތަކެއް ބޭކާރުވުން ފިޔަވައި ލީޒާގެ ކުލިނިކުން ވީ ކަމެއް ވެސް ނެތެވެ. އެންމެ ފަހުން އެ ކަން ހުއްޓައިލީމެވެ. ކުރެވުނު ދިރާސާގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށްދޭނެ ކަމަށް ލީޒާ ބުންޏެވެ. އެ ވެސް ތައްޔާރުވި ކަމަކަށް ނުވިއެވެ.
އަހަންނާއި ޒުމްރާ ވެސް ވަރުބަލިވަމުން ދިޔައީ އެއްވަރަކަށެވެ. ދެމަފިރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، މައްސަލަޖެހެން ފެށިއެވެ. ދެ މީހުން ވެސް ތިބެނީ ރުޅިއަންނާނެ ކަމެއް ނުފެނިފައި ކަހަލައެވެ. ވަކި ވަރަކަށް އިންސާނާގެ ހޭބުއްދި ފިލައި، ގޮތް ހުސްވުމުން އަތުންފައިން ގޯސް ހެދެއެވެ. އަހަރެން އެ ހިސާބަށް ވެސް ދިޔައެވެ. ހިތަށްއެރިއެވެ. ޒުމްރާ ވަރިކުރާނީއެވެ. ގައިމު އޭރުން އަހަރެންގެ ބޮލަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ.
އަހަރެންގެ މަންމަ އަމިއްލައަށް ހިނގާބިނގާވެ އުޅުނަސް ބައްޔެވެ. ހައިފާއަށް ހައިފާގެ މަންމަ އެންމެ މުހިންމުވި ދުވަހު އަހަރެން ޒުމްރާ ވަރިކޮށްފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އަހަރެންގެ ސިކުނޑިއަށް ކެތްކުރެވޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ ހިތަށްއެރިއެވެ. މަންމަޔާ މަޝްވަރާކުރާނީއެވެ. މަންމަ ކޮޓަރިއަށް އަހަރެން ވަން އިރު މަންމަ އުޅެނީ ފާހާނައިގައެވެ. އަހަރެން ކޮޓަރީގައި މަޑުކޮށްލީމެވެ. މަންމަ ފާހާނައިގެ ދޮރު ހުޅުވައިލިއެވެ.
"ދަރިފުޅާ! ފާރުގަ އޭނދަ ކުރަފި މަރާލަބަލަ!" މަންމަ އެދުނެވެ. "އަލަމާރި ދޭތެރޭގައި ހުންނާނެ ފިހިގަނޑު."
އަހަރެން އަލަމާރިއާއި ފާރާ ދޭތެރެއިން ފިހިގަނޑު ނަގައިގެން ގޮސް ކުރަފި މަރައިލީމެވެ. އަލުން ފިހިގަނޑު ބަހައްޓަން އުޅުނު ވަގުތު، ފާރުގައި ތަތްކޮށްފައިވާ އެއްޗެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަލަމާރީގެ އެ ދޭތެރެއަކީ އަހަރެން ބަލަންޖެހުނު ތަނެއް ނޫނެވެ. އެކަމަކު ޔަގީނުން ވެސް އަލަމާރި ބެހެއްޓި އިރަކު އެ އެއްޗެއް ނުހުންނާނެއެވެ. އަހަރެން ފޯނުން އަލިކޮށްލީމެވެ. ތަތްކޮށްފައި ހުރި އެތި ހީވަނީ ފަންޑިތައެއްހެންނެވެ.
"ދަރިފުޅު ކީއްތިކުރަނީ؟" މަންމަ އެހި އަޑު އިވުނެވެ.
"މީ ކޯޗެއް ފާރުގަ ހަރުކޮށްފަ މިހިރީ؟" އަހަރެން ސުވާލުކުރީމެވެ.
ނުނިމޭ