އުނގޫފާރަށް ވަޑައިގެންނެވި ހެލްތު މިނިސްޓަރު ކަރަންޓީނު ނުވާތީ އިދިކޮޅުގެ ފާޑުކިޔުން
އުނގޫފާރަށް ވަޑައިގެންނެވި ހެލްތު މިނިސްޓަރު ކަރަންޓީނު ނުވާތީ އިދިކޮޅުގެ ފާޑުކިޔުން

ރ. އުނގޫފާރުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެ، މި މަހުގެ އެއް ވަނަ ދުވަހުގެ ފަހުން އެ ރަށަށް ދިޔަ އެންމެން ކަރަންޓީނު ވާން އެންގި ނަމަވެސް، އެ މުއްދަތުގައި އެ ރަށަށް ވަޑައިގެންނެވި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެގޮތަށް އަމަލުކުރައްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މީގެ ދެ ދުވަސް ކުރިން އުނގޫފާރުން މީހަކު ޕޮޒިޓިވްވެ، އޭނާއާ ގުޅުން ހުރި އިތުރު ބަޔަކަށް ވަނީ ބަލިޖެހިފަ އެވެ. އެ ރަށުން ޕޮޒިޓިވްވީ މާލެ ދަތުރުކުރާ ބޯޓެއްގެ ބައެއް ފަޅުވެރިންނާއި އެ މީހުންނާ ގުޅުން ހުރި މީހުންނެވެ. އެއާ އެކު އުނގޫފާރު މޮނިޓަރިންއަށް ލައި، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރުކުރި އެންމެން، ދިހަ ދުވަސް ވާންދެން ކަރަންޓީނުވާން އެންގި އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް، މިނިސްޓަރު ނަސީމް ވަޑައިގަތީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާއާ އެކު، ރައްޔިތުންގެ މަޖްލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި އިތުރު ބަޔަކު ވެސް ވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަނުގެ ކަންބޮޑުވުމަކީ، ބަލި ޖެހުމުގެ ފުރުސަތު އޮތް މުއްދަތުގައި އެ ރަށަށް ވަޑައިގެން އަދި ރަށުގެ ގިނަ ބަޔަކާ ބައްދަލުކުރެއްވި ސަރުކާރުގެ މި ވަފުދު އަނބުރާ މާލެ ގޮސް، ކަރަންޓީނުވެފައި ނުވުމެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނީ އުނގޫފާރަށް ދަތުރުކުރި އެހެން ރަށްރަށުގެ މީހުން ވެސް، ކަރަންޓީނުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާއިރު، އެންމެން ވެސް ހަމަހަމަ ކަމާ އެކު އުސޫލު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން، އިދިކޮޅުން ވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހާއްސަ ހުއްދައިގެ ދަށުން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މީހަކާއި އެ ހުއްދައިގެ ދަށުން އައްޑުއަށް ދިޔަ ބަޔަކު ޕޮޒިޓިވްވިކަން ފާހަގަކޮށްފަ އެވެ. އައްޑުއަށް ދަތުރުކުރި މީހުންގެ ފަރާތުން އެ ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހި، ރަށަށް އަރައިފޭބުން މަނާކުރުމުން ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް އިދިކޮޅުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ކަންބޮޑުވުން ފާޅުކުރަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭރުގެ ދެ ގައުމަކަށް ވަޑައިގަތުމަށް ފަހު، ކަރަންޓީނު ވުމެއް ނެތި އަނެއްކާ ވެސް އައްޑުއަށް ވަޑައިގަންނަވަން އުޅޭ ކަމަށް ބުނެ އެވެ.

މާލޭގައި ބަލި ފެތުރިފައި އޮންނަތާ އެތައް ދުވަހެއް ފަހުން މިހާރު އެކި ރަށްރަށަށް ވަނީ ބަލި ފެތުރިފަ އެވެ. މިހާރު ވެސް ހަ ރަށެއްގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެ ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ.