23 މާޗް 2021 - 08:30

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމު ފުރުއްވަމުން އަންނަ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމަކު ހާލު ރަނގަޅުކަމަށް ވިދާޅުވެއްޖެ އެވެ.
ހުސެއިންގެ އަނބިކަނބަލުންގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނެގީ މި މަހު 14 ވަނަ ދުވަހު އެވެ. ހުސެއިންގެ އަނބިކަނބަލުން ކޮވިޑް އަށް ޕޮޒިޓިވްވުމާ އެކު ހުސެއިން ސާމްޕަލް ނެގީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހުސެއިން ވެސް ޕޮޒިޓިވް ކަމަށް އަންގައިފަ އެވެ. އާއިލާއާ އެކު ހުސެއިން މި ވަގުތު ހުންނެވީ ގޭގަ އެވެ.
"ހާލު ދެން ގޯހެއް ނޫން. ދެން ކުދިކުދި އުނދަގޫ ހުންނާނެތާ. އިންޝާﷲ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން އާއި އަނބިކަނބަލުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މީގެ މަހެއްހާ ދުވަސްކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.
ކުޅިވަރުގެ ދާއިރާގެ ވުޒާރާތަކުގެ ވެރިންގެ ތެރެއިން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވެސް ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑް އަށް ޕޮޒިޓިވްވެފަ އެވެ.
ހުސެއިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ދެ ދައުރު ފުރުއްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ހުސެއިން އަކީ ވޯލްޑް އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެ އެވެ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ކޯހެއް ފުރިހަމަކުރައްވައި އަދި އޭނާ ވަނީ ބައިނަލްއަގްވާމީ ގޭމްސްތަކުގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓްތަކުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރައްވައިފަ އެވެ.
ކުޅަދާނަ ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ ހުސެއިން ވަނީ ބައިނަލްއަގްވާމީ ވަރަށް ގިނަ މުބާރާތްތަކެއްގައި އިންސާފުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ވޯލްޑް ޓުއާގައި މަސައްކަތްކުރެއްވުމުގެ އިތުރުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބީޗް ވޮލީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ހުސެއިން އެވެ. ސްޕޯޓްސް ކޯޕަރޭޝަންގެ މަގާމާ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުވެވަޑައިގެން ހުސެއިން އަންނަނީ އެ ކޯޕަރޭޝަން ހިންގެވުމުގައި ހުރި ދަތިތަކާ އެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުންނެވެ.