23 މާޗް 2021 - 13:13

ރާއްޖޭގައި އުޅޭ ކޮތަރުގެ ތިން ބާވަތެއް ހިމެނޭހެން 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށް، އެތަކެތި ހިފުމާއި ގެންގުޅުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެންވަޔަރްމަންޓް މިނިސްޓްރީން ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރުގެ އިތުރުން ރާބޮނދި އާއި މާދޫނި، ބޮނޑަނަ، ފިނދަނަ، ކިރު ދޫނި، ބާޒު އަދި ބަކަމޫން ހިމެނޭ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށް ވާތީ އެ ތަކެއްޗަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.
މި ދޫނިތައް ހިމާޔަތްކުރުމުން އެ ހިފުމާއި ގެންގުޅުމާއި ގޯނާކުރުމާއި އެއްވެސް ގޮތަކަށް ބޭނުންކުރުން ވެސް މަނާވާނެ އެވެ. އަދި އެ ތަކެތި ނިދަން އަރާ ހާލި ފަދަ ތަންތަނަށް ގެއްލުން ދިނުން ވެސް މަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިމާޔަތް ކޮށްފައިވާ ޖަނަވާރަކަށް ނުވަތަ ދޫންޏަކަށް ގެއްލުން ދީފި ނަމަ ނުވަތަ ގެންގުޅެފި ނަމަ ޖޫރިމަނާ ކުރެވެ އެވެ.