23 މާޗް 2021 - 18:57

މިހާރު މޮނިޓަރިންއަށް ލާފައިވާ ރ. އުނގޫފާރުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއާ އެކު އެ ރަށުގައި ތިބި ކޮވިޑްގެ ބަލި މީހުންގެ އަދަދު ހަޔަކަށް އެރީ އެވެ.
އުނގޫފާރުން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ، މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ އެ ރަށުގައި އޮންނަ މާލެ ދަތުރުކުރާ ބޯޓަކާ ގުޅުން އޮންނަ މީހަކަށް ވުމުން، އެ ބޯޓުގެ ފަޅުވެރިން ވަނީ ބައްޔަށް ޓެސްޓުކޮށްފަ އެވެ. އަދި އެ ބޯޓުގެ ހަތަރު މީހަކަށް ބަލި ޖެހުނުކަން ވަނީ ޔަގީންވެފަ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވީ، ފުރަތަމަ ބަލި ޖެހުނު މީހާއާ ސީދާ ބައްދަލުވި ކުޑަކުއްޖެކެވެ.
އުނގޫފާރުގައި ކޮވިޑްގެ ބަލިމަޑުކަން އޮތުމާ އެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން ވަނީ އަންގައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް ދަތުރުކުރި ތިން މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އެއީ ބޭސްފަރުވާއަށް އެ ރަށަށް ދިޔަ ކ. ދިއްފުށީ ދެ މީހުންނާއި ޅ. ނައިފަރު މީހެކެވެ.
އެ ދެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.