23 މާޗް 2021 - 19:50

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އުސޫލުތަކެއްގެ ތެރެއިން ފުޓްބޯޅަ މުބާރާތްތައް ކުރިއަށްގެންދަން ފުރުސަތު ދީފައިވާ ގޮތް ބަލައި އޭގެއިން މިސާލުނަގައި ރާއްޖޭގައި ވެސް އެ ފުރުސަތު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ނުފެށި ލަސްވާތީ ދިމާވާ ދަތިތައް އިންތިހާ އަށް ބޮޑުވެފައިވާތީ ކްލަބްތަކާއި ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ދެ ކްލަބަކަށް އޭއެފްސީ ކަޕާއި ގައުމީ ޓީމަށް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ކުރިއަށް އޮތް ތިން މަހެއްގެ ތެރޭގައި ކުރިއަށްދާނެ އެވެ. ލީގު ނުފެށި ލަސްވާނަމަ އެ މެޗުތަކަށް އެކަށީގެންވާ މިންވަރަށް ތައްޔާރެއްނުވެވޭނެ އެވެ.
އެޗްޕީއޭގެ އެންގުމާ އެއްގޮތަށް މެދުކަނޑާލި ލީގުގެ ކުޅުން ފަށަން މިހާތަނަށް ކުރި މަސައްކަތުގައި އެޗްޕީއޭ އާއި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ދޭ ދެކޮޅު ނުޖެހޭ ޖަވާބުތަކާ ހެދި ފުރަތަމަ ޑިވިޝަން ކްލަބްތައް ގޮތް ހުސްވެ، ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށް އެ ޓީމުތަކުގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭގޮތުން "މިހާރު" އިން ލިޔުނު ހަބަރެއް ހިއްސާކޮށް ތޯރިގު، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ލިޔުއްވާފައިވަނީ އަލުން ފުޓްބޯޅަ ފެށުން މުހިއްމު ކަމަށެވެ.
"ފުޓްބޯޅަ ކުޅުންތެރިންނާއި ކުލަބުތަކަށް މުބާރާތް ކުޅެންފެށުމުގެ ހުއްދަ ދެއްވާ. ދުނިޔޭގެ އެހެން ޤައުމުތަކުން މިސާލު ނަންގަވާ، ފުޓްބޯޅަ ހުއްޓުވާފައި، ގައުމު ހުއްޓުވާފައި ދެން ނުބޭއްވޭނެ،" ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ތޯރިގު ވިދާޅުވި އެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގައި މި ވަގުތު ފުޓްބޯޅަ ހުއްޓިފައި އޮތް ހަމައެކަނި ގައުމަކީ ރާއްޖެ އެވެ.
ތޯރިގު ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކުގެ ހަމަނުޖެހޭކަން އެޗްޕީއޭގެ ވެރިންނަށްވެސް އެނގޭ ކަމަށެވެ. އަދި ޓެގް ޓީމެއްގެ އަތްމައްޗަށް ގައުމު ދީފައި އޮންނަތާ އަހަރެއްވެފައިވާ ކަމަށް ވިދާޅުވެ، ތޯރިގު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުކިޔައިފަ އެވެ.
އަލުން ފުޓްބޯޅަ ފެށޭތޯ ކުރާ މަސައްކަތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އެއްބާރުލުން ލިބޭ ކަމަށް ކްލަބްތަކުން މިއަދު ވަނީ ބުނެފަ އެވެ. އެޗްޕީއޭ އިން މިދިޔަ މަހު ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގިއިރު، އެންމެ ފުރަތަމަ ކްލަބްތަކަށް ޕްރެކްޓިސް ކުރާނެ ފުރުސަތެއް ވެސް ނެތެވެ. އެ ފުރުސަތު ކްލަބްތަކަށް ލިބުނީ ކްލަބްތަކުގެ މެނޭޖްމަންޓުގެ އިސް ވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވި ފަހުންނެވެ.
ކްލަބްތަކުން މިދިޔަ މަހު 28 ވަނަ ދުވަހު ޕްރެކްޓިސް ފެށިއިރު، ޓާގެޓްކުރީ މިދިޔަ ހޮނިހިރު ދުވަހު ލީގު ފަށާށެވެ. ފަހުން ބެލީ އަންނަ ބުރާސްފަތި ދުވަހަށް ލީގު ފަށަން ހުއްދަ ލިބޭނެ ކަމަށެވެ. އެކަމަކު އެ ދުވަހު ވެސް ލީގު ފެށޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކްލަބްތައް ކަންބޮޑުވަނީ ފެށޭނެ ތާރީހެއް ވެސް ކަމާބެހޭ ފަރާތްތްތަކުން ހާމަނުކުރާތީ އެވެ.