25 މާޗް 2021 - 00:31

ސިވިލް ސާވިސް މުވައްޒަފުންނަކީ "މޫނެއް ނެތް" އަދި "އަޑެއް ނެތް" ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކައާ މެދު ނުރުހުންވެ ބައެއް ސިވިލް ސާވެންޓުންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެެ.
ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅި ބިލެއްގެ ބަހުސްގައި ސަލީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފަކަށް "ބޭނުންހާ އެއްޗެއް ނުލިޔެވޭނެ، ބޭނުންހާ ވާހަކައެއް ނުދެއްކޭނެ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގެ ވަޒީފާއަކަށް ދާ މީހާ އެ ވަޒީފާއަށް އެ ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޫކޮށްލަން އެއްބަސްވެގެންނެވެ.
"އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަން ޖެހޭ މީހެއް،" ސަލީމް ވިދާޅުވި އެވެ.
އެކަމަކު ސަލީމްގެ ވާހަކައާ މެދު ކަންބޮޑުވުން ފާޅުކުރާ މީހުން ފާހަގަކުރާ ގޮތުގައި އެހެން ރައްޔިތުންނެކޭ އެއްގޮތަށް ސިވިލް ސާވެންޓުންނަށް ވެސް، ޚިޔާލުފާޅުކުރުމުގެ ހައްގު އެބަ އޮތެވެ.
ޓުވިޓާގައި ނުރުހުން ފާޅުކުރި މީހަކު ސުވާލުކުރީ އޭނާ ފަދަ ސިވިލް ސާވަންޓުންނަކީ "އަޅުންތޯ" އާއި އެ މީހުންނަށް އަސާސީ ހައްގުތައް ލިބިގެން ނުވަނީތޯ އެވެ. އޭނާ އެ ސުވާލު ކުރީ ސިވިލް ސާވިސް ކޮމިޝަންގެ ޓުވިޓާ ހޭންޑުލް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓާ ހޭންޑުލް ޓެގްކޮށް އެކަމާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ސުވާލުކުރަމުންނެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްސީލްކުރާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން ސަލީމްގެ ވާހަކައާ މެދު ކަންބޮޑުވުން ފާޅުކުރަމުން ފޭސްބުކް ޕޯސްޓެއްގައި ބުނިގޮތުގައި "ގާނޫނު އަސާސީ އިން އެންމެހައި ދިވެހިންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލަތެއްގައި ހަނިކުރެވޭނެ ހައްގެއް ނޫނެވެ."
މަޖިލީހުގައި ސަލީމް ވިދާޅުވީ ސިވިލް ސާވިސް އަށް އޭރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭނެ ކަމަށާއި އެ އިތުބާރު ގެއްލެނީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަން ޖެހޭ ވެލިއުތައް ގާއިމްކޮށް ނުދެވުނީމާ ކަމަށެވެ. އެފަދަ ވެލިއުސްތަކުގެ ގޮތުގައި އޭނާ ދެއްކެވީ ބޭނުންހާ ވާހަކައެއް ނުދެއްކުމެވެ.
"ސިވިލް ސާވިސްގައި ހުންނަ މީހަކީ ވަކި މިންގަނޑުތަކަކަށް ވަކި ހުދޫދުތަކަކަށް ވަކި ޑިސިޕްލިންއަކަށް ހުންނަ މީހެއް. ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ ވާހަކައެއް ނުދެއްކޭނެ. އޭނާއަކީ ފޭސްލެސް މީހެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާއަކީ އަޑެއް ނެތް މީހެއް،" ސިވިލް ސާވަންޓުންނަށް ސިޔާސީ ޚިޔާލު ފާޅުނުކުރެވޭނެ ކަމަށް ވަކާލާތު ކުރައްވަމުން ސަލީމް ވިދާޅުވި އެވެ.
ޓްވިޓާގައި ބައެއް މީހުން ސަލީމާ މެދު ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރި އެވެ.
"ސިވިލް ސާވެންޓުން ވޯޓު ދީ، ސިވިލް ސާވެންޓް އަތުން ޓެކްސް ދައްކައިގެން މުސާރަ ދީފައި ހުންނަ މީހެކޭ މީ،" އެކަކު ޓްވީޓްކުރި އެވެ.
އެހެން މީހަކު ބުނީ ޚިޔާލުފާޅުކުރެވޭނެ ކަމަށާއި ގާނޫނީ އިމުން ބޭރު ނުވެ މައުލޫމާތު ދިނުމަކީ މުވައްޒަފުންގެ ވެސް ހައްގެއް ކަމަށެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވަނީ "ސިވިލް ސާވިސްގެ މުވައްޒަފުންނަކީ މޫނެއް ނަމެއް ނެތް އަޅުންނެއް ނޫން" ކަމަށް ވިދާޅުވެ ޓްވީޓްކުރައްވައިފަ އެވެ.
އެމްޑީޕީގެ މެމްބަރަކު މިރޭ "މިހާރު" އަށް ވިދާޅުވީ ސަލީމްގެ ވާހަކައާ މެދު އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ރުހިވަޑައިނުގަންނަވާ ކަމަށެވެ. ބައެއް މެމްބަރުން ތިއްބެވީ އެކަމާ ލަދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.