މަޑުއްވަރީގައި ހިންގި ހަމަނުޖެހުމުގައި 10 މީހަކު ހައްޔަރުކޮށްފި
މަޑުއްވަރީގައި ހިންގި ހަމަނުޖެހުމުގައި 10 މީހަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 10 މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 10 މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ހަމަނުުޖެހުން ހިންގައި މުޒާހަރާކުރި މީހުން، މަޑުއްވަރީގައި ތިބޭ ފުލުހުންނަށާއި އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެ އެވެ. އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

މަޑުއްވަރީގައި ހަމަނުޖެހުން ހިންގީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުނުކުރާތީ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ހަމަނުޖެހުން ހިންގާފައި ވެ އެވެ. އެކަމާ ގުޅިގެން، އެ ރަށަށް އިތުރު ފުލުހުންތަކެއް އިއްޔެ ގޮސްފައި ވެ އެވެ.