01 އެޕްރީލް 2021 - 07:53

މީގެ 14 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ތާރޭ ޒަމީން ޕަރު" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު އެކްޓަރު އާމިރު ޚާނާ ޖެހުނު މައްސަލަ މިހާރު ވެސް ތާޒާކަންމަތީ ހަނދާން އެބަހުރި ކަމަށާއި އެކަމަކު އެކަމުން އޭނާ އަށް ލިބުނު ގެއްލުމެއް ނެތް ކަމަށް އަމޯލް ގުޕްތާ ބުނެފި އެވެ.
މިދިޔަ މަހުގެ 26 ގައި ރިލީޒްކުރި ބައޮގްރަފިކަލް ޑްރާމާ "ސައިނާ" ގެ ޑައިރެކްޓަރު ބޮލީވުޑް ބަބްލް އަށް ބުނީ އޭނާ އަކީ ދިމާވާ ކަމަކުން އެއްވެސް އިރެއްގައި ފަހަތަށް ޖެހޭ މީހެއް ނޫން ކަމަށެވެ.
"އިރު އޮއްސިފައި އަލުން އިރު އަރާނެ ކަމަށް ގަބޫލުކުރާ މީހެއް އަހަންނަކީ. އެހެންވީމަ ކުރިން ދިމާވި ކަމެއް އަބަދު ހަނދާންކޮށްފައި އެކަމާ ހިތްބަރުކޮށްގެން އުޅުމުގެ އެއްވެސް މާނައެއް ނެތް. ކަމެއް ވާން އޮތިއްޔާ ވާނެ. އަދި އެކަމެއް ވާނީ ވެސް ރަނގަޅަކަށް." ފިލްމުތަކުގައި އެކްޓް ވެސް ކުރާ އަމޯލް ބުންޏެވެ.
ދެހާސް ހަތެއްގައި ގެނެސްދިން "ތާރޭ ޒަމީން ޕަރު" އަކީ އެންމެ ފުރަތަމަ އަމޯލްގެ ސްކްރީންޕްލޭއަކަށް، އޭނާ ޑައިރެކްޝަނާ ވެސް ހަވާލުވި ފިލްމެކެވެ. އާމިރު ވެސް ރޯލެއް ކުޅުނު ފިލްމުގެ ޑައިރެކްޓަރުގެ ގޮނޑިން އަމޯލް ބޭލީ ދެ މީހުންގެ މެދުގައި އުފެދުނު ކްރިއޭޓިވިޓީގެ ހިޔާލު ތަފާވުންތަކަކާ ހެދި އެއްގަލަކަށް ނޭރިގެންނެވެ. އެގޮތުން އާމިރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި ފިލްމުން ފަހުން އަމޯލް އަށް ދިނީ ހަމައެކަނި ސްކްރީންޕްލޭގެ ކްރެޑިޓެވެ. ފިލްމުގެ ޑައިރެކްޝަނުގެ ހުރިހާ ކްރެޑިޓެއް ނެގީ އާމިރެވެ. އަދި އެގޮތަށް ދިމާވީ އަމޯލް އިސްކޮށް ހުރެގެން ފިލްމުގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިންމި ފަހުންނެވެ.
ކިޔުންތެރިކަމުގައި އުނދަގޫކަމެއް ހުންނަ ކުޑަ ފިރިހެން ކުއްޖެއްގެ ވާހަކަ ވަރަށް އަސަރު ގަދަކޮށް ކިޔައިދިން "ތާރޭ ޒަމީން ޕަރު" އަކީ އާމިރުގެ ކެރިއަރުގައި މިހާތަނަށް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު ވެސް މެ އެވެ.
އެ ފިލްމުގެ ހަނދާންތަކާ ބެހޭ ގޮތުން އަމޯލް ބުނީ އޭނާ އަށް ދިމާވި ކަންކަމުން ފަހުން ލިބުނީ ކުރިއަށް ދާނެ އިތުރު ހިތްވަރެއް ކަމަށެވެ. ފަހުން އޭނާ ލިޔެ، ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ކުޑަކުދިންގެ ފިލްމު "ސްޓޭންލީ ކާ ޑައްބާ" އާއި "ހަވާ ހަވާއީ" އަދި "ސްނިފް" ހިމެނެ އެވެ.
"އަހަންނަށް މިހާރު އާދެވިފައި ހުރި ހިސާބާ ދޭތެރޭ ހިތްހަމަޖެހޭ. އެއީ ބުރަ މަސައްކަތުގެ ނަތީޖާ،" އަމޯލް ބުންޏެވެ. "އެހެންވީމަ އަލުން ސާދަ އަހަރު ކުރީގެ ވާހަކަ އާކޮށްފައި ދެއްކުމުގެ ބޭނުމެއް ވެސް ނެތް."
އޭނާ ދާދި ފަހުން އެހެން ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް ދެން ހަދަން އޮތީ ވެސް ކުޑަކުދިންގެ ފިލްމެއް ކަމަށެވެ. އޭގެ ނަމަކީ "ޕާޕާ" އެވެ.