02 އެޕްރީލް 2021 - 08:20

ކޮވިޑް-19އާ ހެދި މިދިޔަ އަހަރު މޮބައިލް ވޯލްޑް ކޮންފަރެންސް (އެމްޑަބްލިއުސީ) ކެންސަލްކޮށް މި އަހަރު އެންމެން އެއްތަންވެގެން ކޮންފަރެންސް ބާއްވަން ނިންމާފައި ވަނިކޮށް އޭގައި ބައިވެރިވާ އެންމެ ބޮޑު ކުންފުނި ގޫގުލް އިން ބައިވެރިނުވާން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް ގޫގުލް އިން ބުނީ ކޮވިޑްގެ ހާލަތު އަދިވެސް އޮތް ގޮތުން ދަތުރުފަތުރު ކުރުމާއި ރައްކާތެރިމުގެ އެހެން ފިޔަވަޅުތަކާ ހެދި ސްޕެއިންގެ ބާސެލޯނާގައި ބާއްވާ ކޮންފަރެންސްގައި ބައިވެރިވެވެން ނެތް ކަމަށެވެ.
"އެކަމަކު އަރެމެންގެ ޕާޓްނަރުންނަށް ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ވާޗުއަލްކޮށް ފޯރުކޮށް ދޭނަން،" ގޫގުލް އިން ބުންޏެވެ. "އަދި އަންނަ އަހަރުގެ ކޮންފެރެންސަށް އުންމީދު ވެސް ކުރަން."
ޓެކްނޮލޮޖީ ކުންފުނިތަކަށް ހާއްސަކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ ދުނިޔޭގައި އެންމެ ބޮޑު މޮބައިލް ކޮންފަރެންސްގައި ގޫގުލް އިން ބައިވެރި ނުވާން ނިންމި އިރު، އެ އިވެންޓް ކުރިއަށް ގެންދާ ގޮތަށް އޮތީ ޖޫން 28 އިން ޖުލައި 1 އަށެވެ.
މި އަހަރުގެ އެމްޑަބްލިއުސީގައި ބައިވެރި ނުވާން ގޫގުލް އިން ނިންމި އިރު ނޮކިއާ އާއި އެރިކްސަނާއި ސޮނީ އަދި އޮރޭކަލް ވެސް ވަނީ އިވެންޓްގައި ބައިވެރި ނުވާން ނިންމައިފަ އެވެ.
އެމްޑަބްލިއުސީ އަކީ ދުނިޔޭގެ މޮބައިލް އިންޑަސްޓްރީ ތަމްސީލުކުރާ ޖީއެސްއެމްއޭ އިން އިންތިޒާމުކުރާ އިވެންޓެކެވެ. އަދި އެއީ އަހަރަކު 100،000 މީހުން ޒިޔާރަތްކުރާ އިވެންޓެކެވެ.
ޖީއެސްއެމްއޭ އިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބުނިގޮތުގައި އެންމެން އެއްތާކަށް ޖަމާވެގެން ކޮންފަރެންސް ބާއްވަން ނިންމީ ކޮވިޑްގެ ރައްކާތެރި ކަމަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ތެރޭގައި އިވެންޓަށް ދިއުމުގެ 72 ގަޑިއިރު ނުވަތަ ތިން ދުވަސްކުރިން ކޮވިޑްގެ ނެގެޓިވް ޓެސްޓެއް އޮތުމާއި މާސްކް އެޅުން މަޖުބޫރުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިދިޔަ އަހަރަކީ ކޮވިޑް-19އާ ބޮޑެތި އިވެންޓްތަކެއް ކެންސަލްކުރަން ޖެހި އަދި ގިނަ އިވެންޓަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން މަޖުބޫރުވި އަހަރެކެވެ. އަދި މިހާރު ވެސް ސިއްހީ ދާއިރާގެ ބޭފުޅުން އެންމެ ބޮޑަށް އިރުޝާދު ދެއްވަނީ ގިނަ ބަޔަކު ޖަމާވާ ކަހަލަ އިވެންޓްތައް އޮންލައިންކޮށް ބޭއްވުމަށެވެ.
ނަމަވެސް މިހާރު ކޮވިޑް ވެކްސިން ޖަހަން ފަށައި ނަތީޖާ ފެންނަން ފަށާފައިވާތީ މި ފަހުން އިވެންޓްތައް ކުރިއެކޭ ގޮތަށް ބާއްވަން ފަށާފައިވެ އެވެ.