ނާސަރީތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ދީފި
ނާސަރީތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ދީފި

ބޭބީ ނާސަރީ އާއި ނާސަރީތައް ހުޅުވާލައިގެން ކިޔެވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކޮވިޑު-19 ގައި ރާއްޖޭގެ ހާލަތަށް ބަލައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފައިވާ ކަމަށެވެ.

އެހެންވެ، ސްކޫލުތަކަށް އެ ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ.

ބައްޔާ ގުޅިގެން މާލެ ސަރަހައްދުގައި ގްރޭޑު 6 އިން ފެށިގެން ނާސަރީއާ ހަމައަށް ސްކޫލުތައް ބަންދުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމަކު، ސްކޫލު ހުޅުވައިގެން ގްރޭޑު 6 އިން ފެށިގެން ޕްރީ ސްކޫލާ ހަމައަށް ކިޔެވުމުގެ ހުއްދަ އެޑިއުކޭޝަނުން މީގެ ކުރިން ދީ، އެ ގްރޭޑުތަކަށް ކިޔަވައިދޭން މިއަދު ފަށާފައި ވެ އެވެ.

ޕްރީ ސްކޫލުތައް ހުޅުވުމުގެ ހުއްދަ މިނިސްޓްރީން ދިންއިރު، އެޗްޕީއޭއިން މިއަދު ވަނީ ކާފިއު އުވާލައި ބޮޑެތި ލުއިތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ޑޭ ކެއާ ސެންޓަރުތަކާއި ޓްރެކާއި ކޮލެޖު/ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދަ ދީފައި ވެ އެވެ.