ބޯހިޔާވަހިކަމާއި އަދަބު ލުއިކުރުން؛ މާލެއަށް ބޮޑެތި ވައުދުތަކެއް
ބޯހިޔާވަހިކަމާއި އަދަބު ލުއިކުރުން؛ މާލެއަށް ބޮޑެތި ވައުދުތަކެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކުރެވިއްޖެ ނަމަ، ގިނަ ކަންތައްތަކެއް ކޮށްދޭން، އެ ޕާޓީން ވައުދުވެއްޖެ އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި އަދަބު ލުއިކުރުމާއި ވަޒީފާގެ ފަސޭހަކަން ފަދަ ގިނަ ކަންކަން ހިމެނެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ކޮށްދޭނެ ކަންކަން ހިމަނައިގެން ނެރުނު ލީފްލެޓުގައި ޖުމްލަ ފަސް ކަމެއް އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޑީޕީން ބުނާ ގޮތުން ބަދިގެ އާއި ކާގެ އާއި ކޮޓަރި އެއްތަންވެ، 250 ފޫޓުގެ ތަންކޮޅަކަށް ދިރިއުޅުން "ކުރުގެޅިފައިވާ" 17،000 އާއިލާއެއް މާލޭގައި އުޅެ އެވެ. އެ ޕާޓީގެ ވައުދަކީ، މީގެ ތެރެއިން ދިގު މުއްދަތެއްގެ ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް ވެސް ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ ގާބިލްކަން ނެތް 3،000 އާއިލާއަކަށް ކައުންސިލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އެތަންތަނުގެ ކުލި، މަހަކު 6،400 އަށް ވުރެ އިތުރުނުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓު އަޅައި، ތިރީގައިވާ މިންވަރަށް އާއިލާތަކަށް އެއިން ފުރުސަތު ދޭނެ އެވެ.

- 32،000 ރުފިޔާގެ އާމްދަނީއެއް ލިބޭ 4،000 އާއިލާ

- 32،000-64،000 އާމްދަނީއެއް ލިބޭ 5،600 އާއިލާ

އޭގެ އިތުރުން ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހައްގުވާ ގޮތަށް، ބޯހިޔާވަހިކަން ދޫކުރާނެ ހަމަތަކާއި ޝަރުތުތައް ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ ވައުދަކީ، ސިޓީ ކައުންސިލުން އިސްވެ ތައާރަފްކުރާ އިޖްތިމާއީ ހިދުމަތުން، އަދަބު ލުއިކޮށްދޭނެ ފުރުސަތެއް ފަހިކޮށްދިނުމެވެ. އޭގެ މާނައަކީ އެ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ނުވަތަ އަދަބެއް، މުޖުތަމައުއަށް ކޮންމެވެސް ހިދުމަތެއް ކޮށްގެން ލުއި ކުރުމެވެ. އޭގެ އިތުރުން، ޕެރޯލް ހަލުއިކޮށް، ޕްރޮބޭޝަން ބެލެހެއްޓުމަށް ވެސް ނިޒާމެއް ކަނޑައެޅުން، އެމްޑީޕީގެ ވައުދުތެރޭގައި ހިމެނެ އެވެ.

ވެހިކަލްތަކުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް، އާއްމު ބަސް ދަތުރުފަތުރު ތައާރަފް ކުރުމަކީ އެމްޑީޕީގެ ވައުދެކެވެ. އޭގެ ތެރޭގައި ސްކޫލު ބަސްތައް ވެސް ހިމެނެ އެވެ. ޓެކްސީ ހުއްޓުމަށާއި މުދާ އަރުވާ ބޭލުމަށް ހާއްސަ ވަގުތާއި ތަންތަން ކަނޑައަޅާނެ އެވެ. އަދި ބެޓެރި އުޅަނދާއި ބައިސްކަލް ދުއްވުމަށް ހިތްވަރުދީ، އެކަމަށް މަގުފަހި ކުރާނެ އެވެ. އޭގެ އިތުރުން، މާލޭގެ މަގުތަކަށް އުޅަނދުފަހަރު އެކަށީގެންވާ މިންވަރު ކަނޑައަޅައި ތަންފީޒު ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވިއްޖެ ނަމަ، ކޮންމެ ދާއިރާއަކުން ވެސް ޖޮބް ސެންޓަރެއް ގާއިމުކޮށް، ވަޒީފާ އާއި ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު އެއްކޮށް ބަލަހައްޓަން އެ ޕާޓީން ވައުދުވެ އެވެ. އަދި ވަޒީފާ ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލައި، ހުސް ވަޒީފާ އާއި، އެ މަސައްކަތް ބޭނުންވާ މީހުން ގުޅުވާލަދޭނެ އެވެ. އަދި ޖޮބް ސެންޓަރުތައް މެދުވެރިކޮށް، ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ފޯރުކޮށްދޭނެ އެވެ. ވަޒީފާގެ ނެޓްވޯކް ގާއިމް ކުރެވުމުން، ބިދޭސީން ގެންނާނީ، އެ ވަޒީފާއަށް ދިވެއްސަކު ނުލިބިއްޖެ ހާލަތެއްގައި ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

މީގެ އިތުރުން ވެސް އެންމެންނަށް ވަދެވޭނެ ކަހަލަ ހިތްފަސޭހަ މައިޒާންތަކާއި މިއުޒިކާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ އާލާތްތަކާއި ވަސީލަތްތައް ވެސް މާލޭގައި ގާއިމު ކުރުމަށް، ވެރިކަން ކުރާ ޕާޓީން ވައުދުވެ އެވެ.