ޝެއިޚް ހަސީނާ އާއި މޯދީ އަށް ޖޯކް ޖަހައި ވީޑިއޯ ހެދި މީހާ ހައްޔަރުކޮށްފި
ޝެއިޚް ހަސީނާ އާއި މޯދީ އަށް ޖޯކް ޖަހައި ވީޑިއޯ ހެދި މީހާ ހައްޔަރުކޮށްފި

ޑާކާ (އެޕްރީލް 5) - ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ޖޯކް ޖަހައި ވީޑިއޯއެއް ހަދައި ފޭސްބުކްގައި ޕޯސްޓް ކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 19 އަހަރުގެ ރަބީއުލް އިސްލާމް ހައްޔަރުކުރީ އިންޓަނެޓް ގާނޫނުގެ ދަށުން ކަމަށެވެ. ފުލުހުންގެ ވެރިޔާ އަބްދުﷲ އަލް މާމޫން ވިދާޅުވީ އިސްލާމް ހައްޔަރު ކުރީ އާއްމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

އިސްލާމް ހައްޔަރު ކުރި އިރު މޯދީގެ ދަތުރާ ދިމާކޮށް ބަންގްލަދޭޝްގައި އިސްލާމީ ޕާޓީތަކުން ވަނީ ވަރުގަދަ އިހްތިޖާޖެއް ކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގައި މަދުވެގެން 13 މީހުން ވަނީ މަރުވެފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި އިސްލާމްގެ މައްޗަށް ދައުވާ ކުރަނީ ސަރުކާރުގެ ވެރިންގެ އަބުރާ ބެހުމުގެ ކުށުގަ އެވެ. ކުށްވެރިވެއްޖެ ނަމަ އިސްލާމް އަށް 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެކްޓިވިސްޓުން ބުނަނީ ބަންގްލަދޭޝްގެ އިންޓަނެޓް ގާނޫނަކީ ސަރުކާރާ ދެކޮޅު ފަރާތްތަކަށް އަދަބު ދިނުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށެވެ. ހަސީނާގެ އަބުރާ ބެހުނު ކަމަށް ބަލައި ދާދި ފަހުން ވަނީ ނޫސްވެރިއަކު ވެސް ހައްޔަރުކޮށްފަ އެވެ.