06 އެޕްރީލް 2021 - 07:23

އެމެރިކާގެ ޖޯޖިއާގެ ރެސްޓޯރަންޓެއް ފަޅައިލި މީހަކަށް އެތަނުގެ ވެރިޔާ ވަޒީފާގެ ފުރުސަތު ހުށަހަޅައިފި އެވެ.
ޖޯޖިއާގެ އޮގަސްޓާގައި "ޑައޮބްލޯޒް ސައުތު ވެސްޓް ގްރިލް" ހިންގާތާ އަށް އަހަރުވީ ވިޔަފާވެރިޔާ ކާލް ވެލޭސް މި ވާހަކަ ހިިއްސާކުރީ ފޭސްބުކް ޕޯސްޓެއްގަ އެވެ.
މިދިޔަ ހަފުތާ ބަންދުގެ ފަތިހުގެ ވަގުތެއްގައި ރެސްޓޯރަންޓްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަންކުރި ހާދިސާގެ ވާހަކަ ކިޔައިދެމުން އޭނާ ބުނީ ވަގުގެ މަގުސަދަކީ ފައިސާތަކެއް ނެގުން ކަމަށްވާ ނަމަ އޭނާ ދެނީ ފައިސާ ހޯދަން ވަޒީފާގެ ފުރުސަތު ކަމަށެވެ. އެހެންވެ ގުޅޭނެ ނަމްބަރު ވެސް ހިމަނައި، ގުޅާލައިގެން ވާހަކަ ދައްކައިގެން ވަޒީފާގެ ކަންކަން ހަމަޖެއްސުމަށް ވަގުގެ ކިބައިން ވެލޭސް އެދިފައިވެ އެވެ.
"ބޭނުމެއް ނޫން މި މައްސަލާގައި ޕޮލިހަށް ގޮސް، އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ދާކަށް. އެހެންވީމާ [ކަލެއަށް] އަހަންނާ ބައްދަލުކޮށް ވާހަކަ ދައްކާލައިގެން ވެސް ރަނގަޅު ގޮތެއް ހަމަޖެހިދާނެ،" އޭނާ ބުންޏެވެ.
ރެސްޓޯރަންޓް ފަޅައިލި ހާދިސާގެ ވާހަކަ ސީއެންއެން އަށް ކިޔައިދެމުން ވެލޭސް ބުނީ ވައްކަން ކުރި މީހާގެ މައްސަލަ ފުލުހުންނާ ހަމައަށް ގެންދަން ބޭނުން ނުވީ ވަގު އިސްލާހުވާން ފުރުސަތު ދިނުމަށް ކަމަށެވެ.
"އޭނާ ވަޒީފާއެއް ނެތި މިގޮތަށް އުޅޭ ކަމަށްވާ ނަމަ އަބަދުވެސް ކޮންމެވެސް ބަޔަކު އުޅެން ޖެހޭނީ އޭނާގެ ނުރައްކަލާ ހެދި. އަހަރެން ވަރަށް ހިތާމަ ވެސް ކުރަން ފައިސާގެ ބޭނުމުގައި އޭނަ ވައްކަން ކުރާތީ. އެހެންވެ ވަގުކަލޭގެ އިސްލާހުވާން އަހަރެން ދޭން ބޭނުންވީ ވަޒީފާއެއް،" އޭނާ ބުންޏެވެ.
ވެލެސް ކިޔައިދިން ގޮތުގައި އޭނާ އަށް ދިން ގެއްލުމާ ގުޅިގެން ފުރަތަމަ ވަރަށް ރުޅިގަދަވެ، އެކަން ބޮޑު މައްސަލަގަނޑަށް ހަދަން ވެސް ބޭނުންވި އެވެ.
"އެކަމަކު ހަމަޖެހިލައިގެން ވިސްނާލާފައި ހިތަށް އެރީ ޕޮލިހާ އޭނަ ހަވާލުރުމަކުން ވާނެ ފައިދާއް ނެތޭ. އޭނާ އިސްލާހުވާން އަހަރެން އަމިއްލައަށޭ ފުރުސަތެއް ދޭނީ،" އޭނާ ބުންޏެވެ.
"މީހަކު ގޯސްމަގަކުން ހިނގާ ކަމަށް ވަންޏާ އެބަޖެހޭ ކޮންމެވެސް ގޮތަކުން އޭނަ ހަމަމަގަށް ގެންނަން."
ވެލޭސް ބުނީ އޭނާ އަށް ދިމާވި ފަދަ ހާދިސާތަކެއް ހަމަ އެ ވަގުގެ ފަރާތުން އެ ހިސާބުގަނޑުގެ އިތުރު ވިޔަފާވެރިންތަކަކަށް ވެސް ދިމާވެފައިވާ ކަމަށެވެ.