07 އެޕްރީލް 2021 - 14:43

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ކޮއްކޯފުޅު ނަޒީހާ އަހުމަދު މިފްކޯގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ނަޒީހާއަކީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން ވެސް މެ އެވެ. އެހެންވެ، އޭނާ މި ސަރުކާރުގެ ކުންފުންޏެއްގެ އިސް މަގާމަކަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރު، އެޗްއާރު ހުސައިން ޝުއާޒު "މިހާރު" އަށް މިއަދު ވިދާޅުވީ ނަޒީހާ އެ މަގާމަށް އައްޔަން ކުރީ އެ ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރާ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެއީ ކުންފުނީގެ އިންޓާނަލް ކަންތައްތަކަށް ވުމުން އުސޫލު ހާމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ނަޒީހާ އަށް މަހަކު 3000 ޑޮލަރު (46،2690ރ.)ގެ މުސާރައެއް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޝުއާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަޒީހާގެ މުސާރަ ކަނޑައަޅާފައިވާނީ މިފްކޯގެ އެހެން ކޮންސަލްޓެންޓުންގެ މުސާރަ ކަނޑައަޅާ އުސޫލުގެ ތެރެއިން ކަމަށެވެ.
"އޭނާއަށް ވަޒީފާ ލިބުނީ ކޮންމެހެން ސީޕީގެ އަންހެނުންނަށް ވެގެނެއް ނޫން. އުސޫލުގެ ތެރެއިން މަގާމު ލިބުނީ. މި ކުންފުނީގައި ތިބޭ އެކި ކަންކަމަށް ކޮންސަލްޓެންޓުން ކަނޑައަޅާފައި،" ޝުއާޒު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ނަޒީހާ އައްޔަން ކޮށްފައިވަނީ މާކެޓިން ކޮންސަލްޓެންޓުގެ މަގާމަށެވެ. އޭނާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.