60،000 ލިޓަރު ތެލާ އެކު ރޯވި ބޯޓު އަޑިއަށް ހިނގައްޖެ
60،000 ލިޓަރު ތެލާ އެކު ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ ކަމަށާއި އޭގައި 60،000 ލިޓަރުގެ ޑީސަލް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި. ބޯޓުން ތެޔޮ ލީކުވާ ކަމެއް އަދި ނޭނގޭ.

މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓު ނިއްވުމުގެ މަސައްކަތް ކުރަނިކޮށް ދާދި ދެންމެއަކު އެ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.

އެމްޑީއެފުން ބުނީ ރޯވި ބޯޓުގައި 60،000 ލިޓަރު ޑީސަލް ހުރި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ރޯވުމާ އެކު ސަލާމަތްވާން އޭގެ ފަޅުވެރިން ވަނީ ކަނޑަށް ފުންމާލައިފަ އެވެ. އެ ހަތަރު ފަޅުވެރިން ކަނޑުން ނަގައި ސަލާމަތްކުރީ މާފުށީ ކާނި ހޮޓެލްގެ ލޯންޗަކުންނެވެ. އެއީ މާފުށިން ވޯޓު ލާން މާލެ އައި މީހުން ބަލާ ދިޔަ ލޯންޗެއް ކަމަށް ވަނީ އެނގިފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ތިބީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ. އެ ހަތަރު މީހުން ވެސް ސަލާމަތްކޮށް މިހާރު ރައްކާތެރިކަމާ އެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ އާއި ވީޑިއޯތަކުން އެނގޭ ގޮތުގައި އެ ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ދުން އެރި އެވެ.

ބޯޓުގައި ރޯވީ އެމްއެންޑީއެފުން ބުނި ގޮތުގައި ތެޔޮ ބަރުކޮށްގެން މާލެއިން ޅ. އަތޮޅަށް ދަތުރުކުރަނިކޮށެވެ.